ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިނުމަށް ނިންމާފައިވާ "ޖުގް ޖުގް ޖިޔޯ" އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ވަރުން ދަވަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅެފައިވާ "ޖުގް ޖުގް ޖިޔޯ" ގެ ފުރަތަމަ ޓްރެއިލާ ނެރެފައިވާއިރު މިފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ނީޓޫ ސިންގް ސޮއިކުރި ފުރަތަމަ ފިލްމް ރިލީޒް ނުކުރަނީ ބައެއް ފަންނާނުން ވަނީ އެ މީހުންގެ ހުއްދަނެތި އެމީހުންގެ ފިކުރީމުދާ ވަގަށް ނެގިކަމުގެ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަބްރާރުލް ހައްގު ވަނީ ފިލްމުގައި ހިމެނޭ އެއް ލަވަ "ނާޗް ޕަންޖާބަން" އަކީ އަސްލު އޭނާގެ ލަވައެއް ކަމަށާއި އެ ލަވަ ބޭނުން ކުރުމުގެ ހުއްދަ އޭނާގެ އަތުން ނުހޯދާ ފިލްމުގައި އެ ލަވަ ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

"އަހަރެންގެ ލަވަ 'ނަޗް ޕަންޖާބަން' ނުވިއްކަން އިންޑިއާގެ ފިލްމު ހަދާ އެއްވެސް ބަޔަކަށް. އެހެންކަމުން އަހަންނަށް މި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދިއުމުގެ ހައްގު މަށަށް އެބަ އޮތް. ކަރަން ފަދަ ޕްރޮޑިއުސަރެއް މިހެން ލަވަ ކޮޕީކޮށްގެން ބޭނުންކޮށްގެން ނުވާނެ. މިއީ މިގޮތަށް ކޮޕީކުރި އަހަރެންގެ ހަ ވަނަ ލަވަ. މިއީ މިހެން މިކަން ހިނގިޔަދީގެން ވާނެ ކަމެއް ނޫން." އަބްރާރް ވަނީ ބުނެފަ އެވެ.

އަބްރާރުގެ ވާހަކަތަކަށް މި ފިލްމުގެ މިއުޒިކް ތައްޔާރުކުރި ޓީ- ސީރީޒް އިން ވަނީ ވަގުތުން ޖަވާބު ދީފަ އެވެ.

އެ މިއުޒިކް ލޭބަލްގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ލަވައިގެ ލީގަލް ރައިޓްސް އޮތީ ޔޫކޭގެ މޫވީ ބޮކްސް ރެކޯޑްސް ލޭބަލްއަށް ކަމަށާއި އެ ލަވަ ބޭނުންކުރުމުގެ ހުއްދަ އެ ފަރާތުން ހޯދާފައިވާ ކަމަށެވެ.

އަބްރާރްގެ އިތުރުން ސްކްރީން ރައިޓަރެއް ކަމަށްވާ ވިޝާލް ވީ ސިންގް ވެސް ވަނީ ކަރަންގެ މި ފިލްމަށް ބޮޑެތި ތުހުމަތެއް ކޮށްފަ އެވެ. އެނާ ބުނީ "ޖުގް ޖުގް ޖިޔޯ" އަކީ އޭނާ ލިޔެފައިވާ "ބަނީ ރާނީ" ކިޔާ ވާހަކައެއްގެ ކޮޕީއެއް ކަމަށެވެ.

"ބަނީ ރާނީގެ ނަމުގައި 2020 ޖެނުއަރީގައި އަހަރެން ވާހަކައެއް ރެޖިސްޓްރީ ކުރިން. ރަސްމީކޮށް އެ ވާހަކަ ދަރްމާ ޕްރޮޑަކްޝަނަށް އަހަރެން މެއިލްކުރީ 2020 ފެބްރުއަރީގައި. އެ މީހުންނާއެކު އެއަށް ފިލްމެއް ހެދުމަށް މަސައްކަތް ކުރެވޭނެ ކަމަށް. އެމީހުންގެ ފަރާތުން ޖަވާބުވެސް ލިބުނު. އަހަރެންގެ ވާހަކަ ގެންގޮސްގެން އެމީހުން އެއަށް ހެދީ 'ޖުގް ޖުގް ޖިޔޯ'. މިއީ އެއްވެސް އިންސާފެއް ނޫން ކަރަން ޖޯހަރް!" ވިޝާލް ވަނީ ބުނެފަ އެވެ.

ވިޝާލްގެ މި ތުހުމަތަށް އަދި ދަރްމާ ޕްރޮޑަކްޝަނުން ޖަވާބެއް ނުދެ އެވެ.

"ޖުގް ޖުގް ޖިޔޯ" ގެ ޓްރެއިލާ އިން ދޭހަވާ ގޮތުގައި ފިލްމު ބިނާ ކޮށްފައި ވަނީ ވަރި އާއި ކައިވެނީގައި ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވުން ފަދަ ކަންކަމަށެވެ.

މި ފިލްމަކީ 2019 އަހަރު "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.