ރިސޯޓެއް ތަރައްގީކުރަން ދޫކުރި ވ. އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ވަނީ ކްރިމިނަލް ކޯޓުގައި ތައާވަލުކޮށްފަ އެވެ.
އެ ކޯޓުން މިއަދު ބުނީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލައިގައި އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާނެ ކަމަށެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ މިފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވި ހިސާބުން ފެށިގެން މިއީ ކުށުގެ އަމަލެއް ކަމަށްވާކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފަ އެވެ.
އާރަށުގެ އިތުރުން ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދަށުވާ އުފުލާފަ އެވެ. އެ ދެ މައްސަލަ ވެސް ކުރިއަށްގެންދަނީ ވަކިންނެވެ.