ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅަން ވައުދުވި އެއާޕޯޓުތަކުގެ ތެރެއިން ހަ އެއާޕޯޓްގެ މަސައްކަތް މިދައުރު ނިމިގެންދާއިރުވެސް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ށ.ބިލަތްފަހީގައި އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާ އެއާޕޯޓުގެ މަސައްކަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަސްލަމް ވިދާޅުވީ ބިލަތްފަހީގައި އެއާޕޯޓްއަޅަން ރަންވޭއެއް ޑިޒައިންކޮށްފައިވާ ކަމަށާއި އަދި އެއާޕޯޓް އަޅަން ބިން ހިއްކައި އަދި ހިއްކި ސަރަހައްދު ހިމާޔަތްކޮށް ރަންވޭއަށް 23 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ އެއާޕޯޓްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލުމުން 12 ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެޕްރޮޕޯސަލްތަކާބެހޭ ގޮތުން މިނިސްޓަރު އިތުރު ތަފްސީލުތަކެއްދީފައިނުވެ އެވެ.
ސަރުކާރުން މަސައްކަތްކުރަނީ ނިންމަން ރާވާފައިވާ އެއާޕޯޓުތަކުގެ އަމަލީ މަސައްކަތް ދައުރު ނިމުމުގެ ކުރިން ފެށުމަށް ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. އަދި އެއާޕޯޓުތަކުގެ އަމަލީ މަސައްކަތް ފެށިއްޖެނަމަ ދެން އެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވުމާއެކު އަސްލަމް ވިދާޅުވީ އެއިން ހަ އެއާޕޯޓެއްގެ މަސައްކަތް ދައުރުގައި ނިންމޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން [ހަ އެއާޕޯޓް] އަޅާ ނުނިންމޭނެކަން ބާކީ މިއޮތް މުއްދަތުގެ ތެރޭގައި. އެހެންނަމަވެސް މަސައްކަތްތައް ފެށިއްޖެނަމަ އެ މަސައްކަތް ކޮންމެ ގޮތެއް ވިޔަސް ކުރިއަށް ދާނެ." އަސްލަމް ވިދާޅުވި އެވެ.
ޑޮމެސްޓިކް އެއާޕޯޓްތައް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، ތި. ވިލުފުށި، ފ. މަގޫދޫ އަދި ރ.އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގަ އެވެ.
މިރަށްތަކުގައި ކްރޮސް ސަބްސިޑީ މޮޑެލްއަށް އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.