އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑާ ދެކޮޅަށް ހުށަހަޅާފައިވާ އަބުރުގެ ދައުވާ ކާމިޔާބު ކޮށްފި އެވެ.

މިދިޔަ މަހުން ފެށިގެން ކޯޓުގައި ކުރިއަށްދާ އެ މައްސަލައަކީ ޑެޕް ވާޖިނިއާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލައަކީ ޑެޕަކީ އަނިޔާވެރި އަދި ގެވެށި އަނިޔާކޮށްފައިވާ މީހެއް ކަމަށް ހާޑް ދައުވާކޮށްފައިވާ މައްސަލައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ އެމްބާ ހާޑް އާއި ޖޯނީ ޑެޕްގެ ކޯޓު މައްސަލަ ހިމެނޭއިރު، އެ މައްސަލައިގެ ތެރެއިން އެމްބާ ހާޑްގެ ގިނަ ސިއްރުތަކެއް ފަޅާއަރައި އާންމުންގެ ތެރޭގައި އޭނާ ވަނީ ބޭޒާރުވެފަ އެވެ.

އެގޮތުން ޖޯނީ ޑެޕް، އޭނާ އަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާކުރިކަމަށް ސޯޝަލް މީޑިއާގައި ފެތުރި ހަބަރުތަކާ ގުޅިގެން ޖޯނީ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. މައްސަލަ ބެލުބެލުމުގައި ހާމަވީ އެމްބާ، ޖޯނީއަށް އަނިޔާކުރިކަމެވެ.

ރައްދުގައި އެމްބާ ވެސް އޭނާގެ ކޮޅެއް ދުލެއް ނުކުރެ އެވެ. އަދި ޖޯނީ އޭނާއަށް އަނިޔާކުރި ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ އެވެ. ނަމަވެސް އެ ދެމީހުންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ލައިވް ފީޑުން އާންމުންނަށް ފާހަގަވެގެންދިޔަ ގިނަ ކަންކަމަށް އާންމުން ވަނީ ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްގައި ވާހަކަ ދައްކަން ފަށާފަ އެވެ.

އެގޮތުން އެމްބާ ދައްކާ ވާހަކަތައް އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށާއި، އޭނާ ވާހަކަ ދައްކާއިރު، މޫނާއި އަތަށް ގެންނަ ހަރަކާތްތަކުން އޭނާގެ ދެއްކުންތެރިކަން ފާޅުވާކަމަށް އާންމުން ބުނަމުންދެ އެވެ.

އާންމުން މިހާރު ވަނީ އެމްބާ ކޯޓުގައި ދައްކާ ވާހަކަތަކަށް ވީޑިއޯ ކުޅެ، ޓިކްޓޮކް ވެސް ކުޅެން ފަށާފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކު ދަނީ ޖޯނީ އަށް ސަޕޯޓުކޮށް އޭނާއަށް ހަމްދަރުދީވަމުންނެވެ.