ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް އެޕާޓްމަންޓްތައް ބަލާލުމަށާއި މައުލޫމާތު ސެޝަންތަކުގައި ބައިވެރިވުމަށް ފުރުސަތު އާންމުންނަށް ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑިސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވިނަރެސް ފްލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތްތަކާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިނަރެސްގެ އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުސަތުވެސް އާންމުންނަށް ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

މައުލޫމާތު ދިނުމުގެ ސެޝަންއާއި، އެޕާޓްމަންޓްތައް ބަލާލަން ބޭނުންވާ މީހުން އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ނަން ނޯޓް ކުރުމަށްވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީއިން ބުނީ މައުލޫމާތު ދިނުމަށް ބާއްވާ ސެޝަން އޮންނާނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ސާމްޕަލް ފްލެޓް ބާލާލުމަށް ދާން ބޭނުންވާ ދުވަހާއި ގަޑި ޖެހުމަށްފަހު ރެޖިސްޓްރީ ކުރެވޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ލިބޭނެކަމަށް އެޗްޑީސީން ބުނެ އެވެ. މީގެ ތެރޭގައި ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެ އެވެ.

ދިހަ ޓަވަރު ތަރައްގީކޮށްފައިވާ ވިނަރެސް މަޝްރޫއުގައި 1،344 ފްލެޓު ހިމެނެ އެވެ. މި މަޝްރޫއުގައި ހިމެނެނީ 902 އާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ނަމަވެސް މީގެ ފްލެޓްތައް އެކި ކެޓަގަރީތަކަށްވަނީ ބަހާފަ އެވެ.