"އިންޑިއަން އައިޑަލް" އަކީ އިންޑިއާގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް މިއުޒިކް ޓެލެންޓް ޝޯ އެވެ. މި ބައިނަލްއަގުވާމީ ފްރެންޗައިޒް ޝޯ 13 ސީޒަން ގެނެސްދިނުމަށް ސޮނީ ޓީވީއިން އަންނަނީ ތައްޔާރުވަމުންނެވެ.

ސޮނީ ޓީވީގެ މަޝްހޫރު މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް 13" ސީޒަންގެ ޓީޒާއެއް މިހާރު އާންމުކޮށްފައިވާއިރު މިޝޯގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި ސޮނީ ޓީވީއިން މިޝޯގެ އޮޑިޝަންތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/CeOXsgfOxJh/?hl=en

ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ޝޯގެ ޖަޖުންގެ ގޮތުގައި ހިމޭޝް ރޭޝައްމިޔާ އާއި ވިޝާލް ޑަޑްލާނީ އިތުރުން ނޭހާ ކައްކަރް ފެނިގެންދާނެ އެވެ. މިދިޔަ ސީޒަންގައިވެސް ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ މި ފަންނާނުންނެވެ.

މިފަހަރުގެ ސީޒަން ހޯސްޓުކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ. އެންމެ ފަހުން އިންޑިއަން އައިޑަލްގެ ހޯސްޓުގެ ގޮތުގައި ފެނުނު އަދިތިޔާ ނާރަޔަން މިހާރު އަންނަނީ ސޮނީ ޓީވީއިން ދައްކަމުން އަންނަ "ސުޕަސްޓާ ސިންގާ – ސީޒަން 2" ހޯސްޓު ކުރަމުންނެވެ.

ސޮނީ ޓީވީ އިން "އިންޑިއަން އައިޑަލް" ގެނެސްދިނީ 2004 ވަނަ އަހަރު އެވެ. އެ ސީޒަން ކާމިޔާބު ކުރީ އަބީޖީތު ސާވަންތު އެވެ. އެންމެ ފަހުން ގެނެސްދިން 12 ވަނަ ސީޒަން ކާމިޔާބު ކުރީ ޕަވަންދީޕު ރަޖަން އެވެ.

އިންޑިއަން އައިޑަލް 12 ސީޒަންގެ ބައިވެރިން

"އިންޑިއަން އައޑަލް 13" ފަށާނެ ތާރީހެއް އަދި ސޮނީ ޓީވީއިން އިއުލާނެއް ނުކުރެ އެވެ.

"އިންޑިއަން އައިޑަލް" އަކީ ވަރަށް ކުޅަދާނަ މޮޅު ލަވަކިޔުންތެރިންތަކެއް ބޮލީވުޑަށް ތައާރަފްވެގެން ގޮސްފައިވާ ޝޯއެކެވެ. އޭގެ ތެރޭގައި މޮނާލީ ޓާކޫރު، ނެހާ ކައްކަރް، އަބިޖީތު ސާވަންތު، ރާހޫލް ވައިދްޔާ ފަދަ ލަވަކިޔުންތެރިން ހިމެނެ އެވެ.