ކީވް (05 ޖޫން) - ޔޫކްރެއިންގެ ވެރިރަށް ކީވްގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުން ތަކެއް ގޮވައިފި ކަމަށް އެސަރަހައްދުގެ މޭޔަރު ވިޓާލީ ކްލިޓްސްކޯ ވިދާޅުވެއްޖެ އެވެ.

މި ގޮވުންތަކަކީ މިހާރު ކުރިއަށްދާ ހަނގުރާމައިގައި ވެރިރަށް ކީވްއަށް ހަމަލާއެއް ނުދީ ވާތާ ހަފްތާ ތަކެއް ފަހުންނެވެ. މި ގޮވުންތަކާއެކު އަނެއްކާވެސް އެ ސަރަހައްދުގައި ބިރުވެރިކަން ވަނީ ފެތުރިފަ އެވެ.

ޓެލެގްރާމް މެދުވެރިކޮށް ވިޓާލީ އާއްމު ކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ކީވްގެ ދެ އަވަށެއްގެ އެކި ސަރަހައްދުތަކުން މިއަދު ހެނދުނުން ފެށިގެން ގޮވުންތައް ގޮވާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީީޑިއޯތަކުން ކީވްގެ ޖައްވުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރިކަން ފެނެ އެވެ. މިކަން ރޮއިޓާސްއިން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ގޮވުންތަކުގައި އެއްވެސް މީހަކު މަރުވެފައިނުވާ ނަަމަވެސް އެކަކު ސީރިއަސް ޒަހަމްތަކަކާއެކު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔޫކްރެއިންއާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރީގައި ހަނގުރާމަ ވަރުގަދަ ވަމުން ދިޔަ ނަމަވެސް ވެރިރަށް ކީވް ވެފައިވަނީ ފާއިތުވި ހަފްތާ ތަކުގައި ވަރަށް އަމާން ސަރަހައްދަކަށެވެ.

ޔޫކްރެއިން ހަނގުރާމައަށް 100 ދުވަސް ވެފައިވާއިރު ޔޫކްރެއިންއަށް އެކި މަރުހަލާ ތަކުގައި ކާމިޔާބު ލިބެމުން އަންނަ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ. -- އަލް އަރަބިއްޔާ