އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އެކީގައި ކިޔާފައިވާ ލަވައެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.
"ދިލް އުޅެޔާ" ނަމުން ނަށްދީފައިވާ މިލަވާގެ ޕޯސްޓަރެއް ޝާން ވަނީ އޭނަގެ ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފަ އެވެ.
"ދިލް އުޅެޔާ" މި ލަވައަކީ ޑާންސް ފީލް ހިމެނައިގެން ރެގޭ މިއުޒިކަށް އުފައްދާފައިވާ ލަވައެކެވެ. އުނޫޝާ އާ އެކު ޝާން ގެނެސްދޭ މި ލަވައިގައި ދިވެހި ބަހުން ޝާންގެ ރެޕް ބައެއް ހިމެނެ އެވެ. މި ލަވައިގައި ދިވެހި ބޮޑުބެރުގެ ފޯރިގަދަ އަޑުތައްވެސް ވަނީ ހިމަނާފަ އެވެ.
މިލަވާގެ ވީޑިއޯ ޝޫޓްކޮށްފައިވަނީ ކްރޮސް ރޯގްގެ ހާޑް ރޮކް ހޮޓަލްގަ އެވެ.
މިލަވަޔާ ބެހޭ ގޮތުން ޝާން ދިން އިއްޓަވިއުއްގައި ބުނެފައިވަނީ އުނޫޝާއެކު މަސައްކަތް ކުރުމުން އޭނާގެ މޮޅުކަން ފެނި ހައިރާންކޮށްލި ކަމަށެވެ.
އަދި މި ލަވައިގައި ހިމެނޭ ބައެއް ހިންދީ އަދި އުރުދޫ ބަހުން އުނޫޝާ ހުށައަޅާދިން މޮޅުކަމުން ހައިރާންވާކަން ޝާން ފާހަގަކުރި އެވެ. މި ލަވައިގައި ޝާން ދިވެހި ބަހުން ރެޕްކުރި ބައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް އުނޫޝާގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ޝާން ވަނީ ފާހަގަކޮށްފަ އެވެ.
އުނޫޝާ އާ ޝާންގެ މި ލަވަ ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"މޯލްޑިވިއަން އައިޑޮލް" ގެ ޖަޖްކަންކޮށްފައިވާ އުނޫޝާ އަށް ޝާންއާ އެކީ ލަވައެއް ކިޔުމުގެ ފުރުސަތު ލިބުނު އިރު، އޭނަ ކުރިން ހިންދީ ފިލްމަކަށް ވެސް ލަވައެއް ކިޔައި ދީފައިވެ އެވެ. އެއީ ޕޫޖާ ބަޓް ޑައިރެކްޓްކޮށް 2012 ގައި ގެނެސްދިން "ޖިސްމު 2" އަށެވެ.