ކީރިތި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކް ޕީޖޭޕީގެ ތަރުޖަމާނު ދެއްކެވި ވާހަކަތައް ސަރުކާރުން ކުށްވެރި ނުކުރި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލަން ސަރުކާރުން އެންގި ކަން ހާމަވެއްޖެ އެވެ.

މަޖިލީހުން މި މައްސަލަ ބޭރުކޮށްލި ކޮށްލުމާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ މައްސަލަ ބޭރުކޮށްލީ ތްރީ ލައިން ވިޕެއް ނެރެގެންކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުން އެންގި ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕްގައި މިހާރު އޮތީ ސަރުކާރުގެ މެންބަރުންނަށް ބާރު ދީފައި ކަމަށެވެ. އަދި މިގޮތަށް ކަންކުރުމުގެ ސަބަބުން ހުރިހާ ބަދުނާމެއް އާންމުން ރައްދުކުރަނީ މަޖިލީހުގެ ރިޔާސަތަށްކަމަށާއި މި ނޫންގޮތަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ މިކަހަލަ މައްސަލަތަކުގައި ސަރުކާރަށް ވިޕު ނުނެރެވޭގޮތަށް ހަދަންޖެހޭ ކަމަށެވެ. މިމައްސަލައިގައި ބޮންޑެ ވާހަކަ ދެއްކެވީ ރައީސް ނަޝީދުގެ ދިފާއުގަ އެވެ.

"މަޖިލިސް ރައީސް އިންނެވީ ރިޔާސަތުގަ. ހުރިހާ އެންމެން އިނގިލި ދިއްކުރަނީ ރައީސް ކުރެއްވި ކަމެއްކަމަށް. ރައީސް ރިޔާސަތުގައި އިންނެވީ." ބޮންޑެ ވިދާޅުވި އެވެ.

ތްރީލައިން ވިޕް ނެރުނީ ސަރުކާރުން އަންގައިގެން ކަމަށް ބޮންޑެ ވިދާޅުވި ކަމުގައި ވިޔަސް ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށާއި ކީރިތި ގުރުއާނަށް ފުރައްސާރަ ކުރުމުން އެކަން ސަރުކާރުން ކުށްވެރި ނުކުރާތީ އިދިކޮޅުން ހުށައެޅި މައްސަލަ ބޭރުކޮށްލަން އެމްޑީޕީގެ 32 މެމްބަރަކު ވޯޓު ދެއްވި އިރު އޭގެ ތެރޭގައި ދެފެކްޝަންގެ މެމްބަރުންވެސް ހިމެނެ އެވެ.