ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ އެއްވެސް ގޮތަކަށް ޕްލޭންކޮށްގެން ހުރި ކަމެއް ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރެސް ކާޖޮލް ބުނެފި އެވެ.
އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލް މިހެން ބުނެފައިވަނީ ސޮނީ މަރާޓީއިން ގެނެސްދޭ ރިއަލިޓީ ޝޯއެއް ކަމަށްވާ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ މަރާތީ ވާޝަނުންގައި އެވެ.
މިމަހުގެ 11 ވަނަ ދުވަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ޝޯގެ ޕްރޮމޯއިން ފެނިގެންދަނީ ކާޖޮލް އާއި އޭނާގެ މަންމަ ކުރީގެ އެކްޓަރެސް ތަނޫޖާ މެހެމާނެއްގެ ގޮތުގައި ޝޯގައި ބައިވެރިވާތަނެވެ.
މިޝޯގެ ޕްރޮމޯގައި ކާޖޮލް ބުނެފައިވަނީ ފިލްމު ކުޅުމަކީ އެއްގޮތަކަށް ވެސް ޕްލޭންކޮށްގެން ހުރި ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ބޭނުންވީ މަހު މުސާރަ ލިބޭ އާދައިގެ ވަޒީފާއެއް ކަމަށް ބުންޏެވެ.
ކާޖޮލްގެ މި ވާހަކައާ ގުޅިގެން ޝޯގެ ހޯސްޓް އަދި އެކްޓަރު ސަޗިން ކެދޭކަރް ބުނީ ކާޖޮލް އެކްޓިން ނޫން އެހެން ކެރިއަރެއް އިހުތިޔާރުނުކުރުމަކީ ބޮޑު ނަސީބެއް ކަމަށެވެ. އެހެން ނޫން ނަމަ ހުނަރުވެރި ބަތަލާ ކުޅުނު ރީތި ފިލްމުތަކެއް ބަލާލުމުގެ ފުރުސަތު ނުލިބުނީސް ކަމަށް އޭނާ ބުނެ އެވެ.
އެކްޓިންއަށް ކުރިން ޝައުގުވެރިކަން ނެތް ވާހަކަ ހާމަކުރިއިރު އޭނާގެ އާއިލާއަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އާއިލާއެއްކަން ފާހަގަ ކޮށްލެވެ އެވެ.
ބޮލީވުޑްގައި މަޝްހޫރު އެތަކެއް ފިލްމުތަކެއް ކުޅެފައިވާ އާޖޮލް އެންމެ ފުރަތަމަ ފިލްމަކީ 1992 ވަނަ އަހަރު ނެރުނު "ބޭހުދީ" އެވެ.
މިދިޔަ އަހަރު "ތުރިބާންގާ" ކިޔާ ފިލްމަކުން ފެނުނު ބަތަލާ މިހާރު އަންނަނީ "ސަލާމް ވެންކީ" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.