ބަރަހަނާ ފިލްމު އުފައްދައި ވިއްކުމުގެ ތުހުމަތުކުރި ރާޖް ކުންދުރާ ޓްވީޓާއާ ދުރަށް ދިއުމަށްފަހު އަނެއްކާ ވެސް އަލުން ޓުވިޓާ ބޭނުން ކުރަން ފަށައިފި އެވެ.
ބަރަހަނާ ފިލްމު އުފައްދައި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ރާޖް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރު ދޭ ނުވަތަ ސާބިތު ކޮށްދޭ އެއްވެސް ހެެއްކެއް ނެތުމާ ގުޅިގެން ސެޕްޓެމްބަރު މަހުގައި އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
އޭނާގެ އެ އަމަލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔައިރު، އެއްބަޔަކު ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައާއި ރޭޕްކުރުމުގެ ތުހުމަތުތައް ވެސް ކޮށްފަ އެވެ. އަދި ނަފްރަތާއި ނުރުހުން ފާޅުކުރުމުގެ ގޮތުން އާންމުންގެ ބަހުގެ ހަމަލާތައް ރާޖަށާއި އޭނާގެ އަންހެނުން ޝިލްޕާ ޝެޓީއަށް ވެސް ދިޔައީ ރައްދުވަމުންނެވެ. މިސަބަބާ ގުޅިގެން ރާޖް ވަނީ ސޯޝަލް މީޑިއާއާ ވެސް ދުރުވެފަ އެވެ.
ނަމަވެސް ދާދި ފަހުން އޭނާގެ ޓްވިޓާ އެކައުންޓް އަލުން ބޭނުންކުރާކަން ފޭނުންނަށް ފާހަގަވެފައިވެ އެވެ.
ގިނަ މީހުން ދެކޭގޮތުގައި އޭނާ މަސައްކަތް ކުރަނީ ކަންކަން ރަނގަޅުކުރުމަށްފަހުގައި އަލުން ހަޔާތް ފެށޭތޯ އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ އޭނާގެ އަންހެނުން ޝިލްޕާ ހުރީ ރާޖްއާ ދެކޮޅަށެވެ. ނަމަވެސް ފަހަކަށް އައިސް ޝިލްޕާ ފެންނަނީ އޭނާގެ ފިރިމީހާގެ ދިފާއުގައި އާންމުންނާ މުހާތަބުކޮށް ވާހަކަދައްކާ މަންޒަރެވެ.