ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ސަމާލުވާން ޖެހޭ ގިނަ ކަންކަން ހުރެ އެވެ. މުސްތަގްބަލުގައި ގައުމުގެ ޒިންމާދާރު ފަރުދުންގެ ގޮތުގައި ގައުމު ހިންގަން ތިބީ އެކުދިންނަށް ވީއިރު ޅަފަތުން ފެށިގެން ރީތި އާދަތައް އެކުދިންގެ ކިބައިގައި އަށަގަންނެވުމަކީ މުހިއްމު ކަމެކެވެ.

ބޮޑެތި މީހުންނަށް އިޙްތިރާމްކުރުން

ބޮޑެތި މީހުން ނުވަތަ ދުވަސްވީ މީހުންނަކީ، ދުނިޔޭގެ އާދަތަކާ ކަންކަން ހިނގާފައިވާގޮތް ޒަމާނުއްސުރެ ތަޖުރިބާކޮށްފައިވާ ގިނަ ކަންކަމަށް ޤާބިލް ބައެކެވެ. އެހެންކަމުން ތިމާގެ އެދުރުންނާ ތިމާއަށްވުރެ ބޮޑެތި ކޮންމެ މީހަކަށްވެސް އިޙްތިރާމް ކުރަން ކުދިންނަށް ދަސްކޮށްދޭން ޖެހެ އެވެ.

ދޮގު ނުހެދުން

އެންމެ ކުޑައިރުއްސުރެވެސް ދަރިންނަށް ދޮގު ނުހެދުމަށް ދަސްކޮށްދޭށެވެ. ދޮގު ހެދުމުގެ ނުބައިކަމާއި އެކަމުން ދުނިޔެއާ އާޚިރަތުގައިވެސް އަޒާބު ލިބޭނެކަމެއްކަން ބުނެދޭށެވެ. މީހުންގެ އިޙްތިރާމާއި ލޯބި ގެއްލޭނެ ކަމާއި ދޮގުހަދާ ކުދިންދެކެ އެންމެންވެސް ފޫހިވާނެކަން އަންގައިދޭށެވެ. މައިންބަފައިންވެސް މިކަމުގައި ނަމޫނާ ދެއްކުން މުހިއްމެވެ.

މައާފަށް އެދުން

ކަމެއް ގޯސްކޮށް ކުރެވުމުން، އެކަން ގަބޫލުކޮށް މާފަށް އެދުމަކީ ވެސް ކުދިންގެ ކިބައިގައި އަށަގެންނެވުން ވަރަށް މުހިއްމު އާދަ އެކެވެ. މައާފަށް އެދެންޖެހޭ ހާލަތްތައް އޮޅުންފިލުވައިދީ އަދި މިއާއެކު ކޮންމެ ކޮންމެ ކަމަކަށް މާބޮޑަށް ދެރަވެ މައާފަށް ނޭދުމަށްވެސް ދަސްކޮށްދިނުން ވަރަށް މުހިއްމެވެ.

ގަނާ ނުކުރުން

ކުދިންގެ ޅައިރުއްސުރެ ގަނާ ކުރުމަކީ ކޮބައިކަމާއި އެކަމުން ދުރުވެ ތިބުމަށް އާދަ ކުރުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަމާއި، ހުރިހާ ކަމެއްގައި އެންމެން ހަމަހަމަ ނުވާނެކަން ވަރަށް ރަނގަޅަށް ކުދިންނަށް އުނގަންނައިދޭން ޖެހޭނެ އެވެ.