އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ބަޖެޓް ފާސްކޮށްފި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ ބައެއް ކަންކަމަށް ކަނޑައަޅާފައިވާ ފައިސާއަށް އުނިއިތުރުތަކެއް ގެނެސްފަ އެވެ.

ބަޖެޓަށް ކޮމިޓީން ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 8.9 މިލިއަން ރުފިޔާ ވަނީ ވަނީ އިތުރުކޮށްފަ އެވެ.

މީގެއިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް 11 މިލިއަން ރުފިޔާ، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދެ މިލިއަން ރުފިޔާ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދެ މިލިއަން ރުފިޔާ، ސިވިލް ސާވިސް ކޮމިޝަނަށް 2.1 މިލިއަން ރުފިޔާ، އެޗްއާރްސީއެމް އަށް 1.9 މިލިއަން ރުފިޔާ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް 1.5 މިލިއަން ރުފިޔާ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދެ މިލިއަން ރުފިޔާ، މީރާއަށް 1.5 މިލިއަން ރުފިޔާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ދެ މިލިއަން ރުފިޔާ، ބްރޯޑްކާސްޓިން ކޮމިޝަނަށް 1.9 މިލިއަން ރުފިޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް އަށް ލައްކަ ރުފިޔާ، އެލްޖީއޭ އަށް 2.5 މިލިއަން ރުފިޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފަސް ލައްކަ ރުފިޔާ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެއް މިލިއަން ރުފިޔާ، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް ދެ މިލިއަން ރުފިޔާ، އިސްލާމިކް ޔުނިވާސިޓީ އަށް ދެ މިލިއަން ރުފިޔާ، ގައުމީ ޔުނިވާސިޓީއަށް ދެ މިލިއަން ރުފިޔާ އިތުރުކުރަމަށް ވެސް ވަނީ ނިންމާފަ އެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި 598 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 218 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި 219 މިލިއަން ރުފިޔާ، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން ރުފިޔާ އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބަޖެޓަށް ބަދަލުގެނެއީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ބަޖެޓް ކޮމިޓީގެ މެމްބަރުން ވިދާޅުވިއެވެ.