މުޅި ދުނިޔެއަށް ނަން މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މޫނުގެ އެއް ފަރާތް ޕެރެލައިޒް ވެއްޖެ އެވެ.

ޖަސްޓިން އޭނާގެ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި ބުނީ، އޭނާ ދަނީ ރަމްސޭ ހަންޓް ސިންޑްރޮމް އަށް ފަރުވާކުރަމުން ކަމަށެވެ.

އެ ސިންޑްރޮމް ޖެހުމަށް މެދުވެރިވާ ވައިރަސް ކަމަށްވާ ވެރިސެލާ ޒޮސްޓާއިން، ޖަސްޓިންގެ ބޮލުގެ ނާރަކަށް އަސަރު ކޮށްފައިވާކަކަށް އޭނާ ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން އޭނާގެ މޫނުގެ ކަނާތު ފަޅި އެއްކޮށް ޕެރެލައިޒް ވެފައިވާކަމަށް އޭނާ ބުންޏެވެ.

ޖަސްޓިން ބުނިގޮތުގައި އޭނާގެ ކަނާތު ކަންފަތަށް ވަނީ އަސަރު ކޮށްފަ އެވެ. އަދި ކަނާތު ލޯ ނުމެރޭ ކަމަށާއި، އެއްވެސް ގޮތަކަށް ތުންފަތުގެ ކަނާތު ފަޅިވެސް ހަރަކާތް ނުކުރާކަމަށް އޭނާ ބުނެފައިވާއިރު، އެ ވީޑިއޯއިން އެ މަންޒަރު ފެނިގެންދެ އެވެ.

https://www.youtube.com/watch?v=tkm7k79J0WU

ޖަސްޓިން އާންމު ކުރި ވީޑިއޯގައި އޭނާ ވަނީ، އޭނާ ދިނުމަށް ހަމަޖެހިފައިވާ ޝޯތައް ކެންސަލް ވުމާއި ގުޅިގެން ނުރުހުން ފާޅުކުރި މީހުންނާއިވެސް މުހާތަބުކޮށް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ޝޯތައް ކެންސަލް ކުރަން ޖެހުނީ އޭނާގެ ހާލަތު ގޯސް ވަމުން ދިއުމާއި ގުޅިގެން ކަމަށް ޖަސްޓިން ވަނީ ބުނެފަ އެވެ.