ކެންސަރު ބަލީގައި ކުރި ހިތި ތަޖުރިބާއާކު ދިރިއުޅުމާ މެދު އޭނާގެ ނަޒަރިއްޔާ ބަދަލުވި ކަމަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަނޫރާގް ބާސޫ ކިޔައިދީފި އެވެ.
ބޮލީވުޑްގެ ކާމިޔާބު އެތަކެއް ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރު އަނޫރާގް ބާސޫއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ 2004 އަހަރު އެވެ.
ލޭގެ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދިޔައިރު އޭނާއަށް ކުރިމަތި ދަތި އުނދަގޫ ދުވަސްވަރުގެ ވާހަކަތައް ހިއްސާ ކުރަމުން އަނޫރާގޫ ބާސޫ ބުނީ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު ދިރިއުޅުމާ މެދު އޭނާގެ ނަޒަރިއްޔާތު ބަދަލުވި ކަމަށެވެ.
އަނޫރާގް ބާސޫ ބުނިގޮތުގައި އޭނާއަށް ކެންސަރު ބަލި ޖެހިފައިވާކަން އެނގުނީ އޭނާގެ އަންހެނުން ތާނީ އެމީހުންގެ ދަރިފުޅަށް ބަލިވެއިން ދުވަސް ވަރުގައި ކަމަށެވެ.
މިދުވަސް ވަރު ފިލްމީ ދާއިރާގައި އުޅޭ ގިނަ ފަންނާނުންގެ އެހީތެރިކާއި އެއްބާރުލުން ލިބިފައިވާކަން އަނޫރާގު ވަނީ ފާހަގަ ކޮށްފަ އެވެ. މިބަލިން ސަލާމަތް ކުރުމަށް ފިލްމީ ދާއިރާގެ މީހުން ކުރި މަސައްކަތްތަކަށް އޭނާ ވަނީ ސުކުރު އަދާ ކޮށްފަ އެވެ.
"މާޑާ" އާއި "ބަރްފީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުނީ ލިލާވަތީ ހޮސްޕިޓަލުގައި 30 ދުވަސް ހޭދަކުރުމަށް ފަހު ޓާޓާ ހޮސްޕިޓަލަށް ބަދަލުކުރި ފަހު ހާލަތު ރަގަޅު ވަމުން ދިޔަ ކަމަށެވެ.
"ޓީވީން އަހަރެން ދަންނަ ކޮންމެ މީހަކުވެސް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ، މެސެޖުތައް ފޮނުވަމުން، އަހަރެން ސަލާމަތް ކުރުމަށްޓަކައި ލޭ ހޯދުމަށް އެދިގެން. އަހަންނަކަށް ނޭނގެ އެންމެން އަހަންނަށްޓަކައި ލޭ އާއި ޕްލެޓްލެޓް ހަދިޔާ ކުރީ ކާކުކަން، ކާކުގެ ލޭ މިއަދު އަހަރެންގެ ނާރުތަކުގައި ދުވަނީ،" އަނޫރާގް ބުންޏެވެ.
ކެންސަރަށް ދޭ ފަރުވާތައް އަގުހެޔޮކޮށް ނުލިބޭތީ ބަސޫއަށް ވެސް ފައިސާގެ ދަތިކަން ކުރިމަތިވި އެވެ. މިގޮތުން އޭނާ ކިމޯތެރަޕީއަށް އިތުރު ފައިސާ ހޯދުމަށް މާސްކް އަޅައިގެން ބައެއް ޓީވީ ޝޯތަކާއި ފިލްމުތައް ޑައިރެކްޓްކުރި އެވެ. ހަގީގަތުގައި އޭނާ ޝޫޓްކޮށްފައި ވަނީ އެމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ގޭންގްސްޓާ" ކީމޯގެ ދަށުގައި ހުއްޓާ އެވެ.