ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަބްދުލް ޣަފޫރު މުހައްމަދު އައްޔަނު ކުރައްވަން ރަައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފޮނުއްވައިފި އެވެ.

އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް މިހާރު ހުންނަވަނީ ތިލްމީޒާ ހުސައިން އެވެ.

އެމްބެސްޑަރ އެޓް ލާޖްގެ މަގާމު ދެއްވުމުގެ ކުރިން އަބްދުލް ޣަފޫރު ކުރިން ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް އަބްދުލްޣަފޫރު ވަނީ ކުރައްވާފަ އެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ހަސަން ސޯބިރު، ކޮރެއާގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް އަދި ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު ނެދަލެންޑްސްގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް ހަމަޖައްސަން، ރަައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ރައީސް ޞާލިޙު ވަނީ ފޮނުއްވާފަ އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަންތަކަށް ރުހުން ދިނުމާ ގުޅޭ ކަންކަން ނިންމުމަށް ހާރިޖީ ކޮމިޓީ އަށް ފޮނުވާފަ އެވެ.