ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. ދިގުރަށް ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ ސުޕަނެޓްގެ ހިދުމަތާއެކު ދިގުރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށެވެ.
އުރީދޫގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެކެވެ. އެގޮތުން މިހާރު އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިގުރަށަށް ތައާރަފު ކުރި ހިދުމަތަކީ އޭގެ ދަށުން ދޭން ފެށި ހިދުމަތެއް ކަމަށް އުރީދޫން ބުނެ އެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފަ އެވެ. މި ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބެ އެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އިތުރުވާ ގޮތް ވަނީ ހަދައިފަ އެވެ.