ތެހްރާން (15 ޖޫން) - އީރާނުން ރޮކެޓެއް ލޯންޗް ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަން އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.

މެކްސާ ޓެކްނޮލޮޖީސްއިން އާއްމުކުރި އެ ސެޓެލައިޓްތަކުން ފެންނަ ގޮތުގައި އީރާނުގެ ރަށްފުށު ސަރަހައްދެއް ކަމަށްވާ ސެމްނާން ޕްރޮވިންސްގެ ސްޕޭސް ޕޯޓުގައި ލޯންޗް ޕެޑެއް ވަނީ ގާއިމުކޮށްފަ އެވެ.

އީރާނުން ވަނީ މީގެ ކުރިން ވެސް މި ސަރަހައްދުން ޖައްވަށް ރޮކެޓްތައް ފޮނުވާލެވޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މިފަހުން އެގައުމުން ފޮނުވާލި އެއްވެސް ރޮކެޓެއް ކާމިޔާބު ވެފައެއް ނުވެ އެވެ.

އޭގެ ތެރެއިން ބައެއް ފޮޓޯތަކުގައި ރޮކެޓެއް ޓްރާންސްޕޯޓާއެއްގެ ޒަރިއްޔާއިން ލޯންޗާގެ ޓަވަރަށް އަރުވަން މަސައްކަތް ކުރަމުން ދާކަމަށް ދޭހަވެ އެވެ.

ރޮކެޓެއް ލޯންޗު ކުރަން އުޅޭ ކަމަށް އީރާނުން އެއްބަސްވެފައި ނުވާއިރު މިކަމާ ބެހޭ ގޮތުން ސުވާލު ކުރެވެމުން އެގައުމުގެ އިދާރާތަކުން ޖަވާބެއް ދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. -- އަލް އަރަބިއްޔާ

އެހެން ނަމަވެސް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް އީރާނުން ހަތް ރޮކެޓެއް ލޯންޗު ކުރާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

މިކަހަލަ ވާހަކަތަކެއް އަޑު އިވިފައި މިވަނީ އީރާން ނިއުކްލިއާ އެއްބަސްވުމާ ގުޅިގެން އީރާނާއި ހުޅަނގުގެ މަޝްރަހު ނުތަނަވަސް ވެފައި ވަނިކޮށެވެ.