މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމާ ގުޅޭގޮތުން އިދާރާތަކާއި މަޝްވަރާކުރަން ނިންމައިފި އެވެ.
މިގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އެކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 56 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއުރާގެ ކައުންސިލު މެންބަރު ސައިފް ފާތިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް މާލީ މަންފާ ހާސިލުކުރުމުގެ ގަވާއިދުގެ ދަށުން ކުރެވޭ ކަންތަށްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރެވޭ ފަދަ ކަމަކަށް އޮތީ ސޯޝަލް ހައުސިންގް ކުރިއަށް ގެންދިއުންކަމަށާއި އެހެންނަމަވެސް އެކަމަކީ މާލީ މަންފާއެއް ހާސިލު ކުރުމަށްވުރެ ނިކަމެތި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނާއި ސްކޫލްފަދަ ތަންތަން މާލޭގައި ފުޅާކޮށް މިހާވެސް ހިންގަމުން އަންނަ ކަމަށާއި އެކަން މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހިފައިނުވާކަމަށްވެސް ސައިފް ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމަކީ ކުދި ރަށްރަށާއި އަތޮޅު ކައުންސިލްތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށާއި ސިޓީ ކައުންސިލަށް މިއަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރެވެންޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ސައިފް އިތުރަށް ވިދާޅުވީ މި ގަވާއިދަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ބައްދަލު ކުރަންޖެހޭ ކަމަށެވެ. އަދި ސައިފް ވަނީ އެކަން ޖަލްސާގައި ހުށައަޅުއްވާފަ އެވެ.
ސައިފްގެ ގެ ހުށައެޅުން ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.