މިއަހަރުގެ ކުރީކޮޅު ކޮވިޑްގެ ބަނަ ވިލާގަނޑު ރާއްޖެއަށް ބޯމަތިވިއިރު، ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ދިޔައީ ލޯކަލް ކައުންސިލް ކާމިޔާބު ކާމިޔާބުކުރަން އަވަދިނެތި ކެމްޕޭން ކުރަމުންނެވެ. އެކަމަކު ރާއްޖޭގެ ރިސޯޓަކުން ކޮވިޑްގެ ކޭހެއް ފެނުމާއެކު އެ ކެމްޕޭން އެންމެން ވެސް ހުއްޓާލި އެވެ. އޭޕްރިލް ހަތަރެއްގައި ބާއްވަން ނިންމި ކައުންސިލް އިންތިހާބު، ވޯޓުލާން އެންމެ ދެ ހަފުތާއަށްވެފައި ވަނިކޮށް ކެންސަލްކޮށްލި އެވެ.
އިންތިހާބު ފަސްކުރުމުން މައްސަލައެއް ނެތެވެ؛ ކޮވިޑަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް 60 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، މިލިއަނަކަށް ވުރެ ގިނަ މީހުން މަރުވުމުން މި ބައްޔަކީ ކިހާ ނުރައްކާތެރި ބައްޔެއްކަން އެބަ އެނގެ އެވެ. އެކަމަކު ކޮވިޑް އެހާ ބާރުމިނުގައި މިނުގައި ފެތުރެމުންދަނިކޮށް، މިއަހަރުގެ ތެރޭގައި ސިންގަޕޫރުގައި ޕާލަމެންޓް އިންތިހާބު ބާއްވައިފި އެވެ. އަވަށްޓެރި ސްރީލަންކާގެ ޕާލަމެންޓް އިންތިހާބު ވެސް ބޭއްވީ އެވެ. އޭގެ އިތުރުން ކޮވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި އެމެރިކާގައި ވެސް މިމަހުގެ ކުރީކޮޅު ވަނީ ރިޔާސީ އިންތިހާބު ބާއްވައިފަ އެވެ. އަދި ގާތްގަނޑަކަށް 70 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ އާސާމްގައި ވެސް އިންތިހާބެއް ދާދިފަހުން ވަނީ ބާއްވައިފަ އެވެ. އިންޑިއާގައި މިހާރު ވެސް ފަތުއަޑުކިޔާފައި ކޮވިޑް ފެތުރި، ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.
ރާއްޖޭގައި ވެސް ކޮވިޑް ކޮންޓްރޯލެއް ނެތި އެބަ ފެތުރެ އެވެ. އެކަމަކު އެއީ ހަމައެކަނި މާލެ ސަރަހައްދުގަ އެވެ. އެހެން އެއްވެސް ސަރަހައްދެއްގައި ކޮމިނިއުނިޓީ ސްޕްރެޑެއް ނެތެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވެން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
ކައުންސިލް އިންތިހާބު ބޭއްވުން ފަސްކުރި ފަހުން، މާލެ ސަރަހައްދުގެ ލޮކްޑައުން ކުރުމަށްފަހު ޖޫންމަހުގެ ތެރޭގައި ވަނީ މާލެ ތެރެ ހުޅުވާލައިފަ އެވެ. އާއްމު ވިޔަފާރިތަކާއި ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް ކޮވިޑްގެ އާ އުސޫލުގެ ތެރެއިން ވަނީ ހުޅުވައިފަ އެވެ. މަގުމަތީގައި މީހުން އުޅޭ މިންވަރާއި ދަތުރު ދިއުމާއި މަޖާކުރުމުގައި މީހުން އުޅޭ ގޮތުން މި ބައްޔާމެދު މިހާރު މާބޮޑު ސީރިއަސް ކަމެއް އޮތް ހެނެއް ހިއެއް ނުވެ އެވެ.
އެކަމަކު މާލެއިން ބޭރަކަށް އާއްމު މީހަކަށް ދެވޭނެ ގޮތެއް ނެތެވެ. މާލެ ތެރޭގައި އެ ބަޔަކު އުޅޭނެ ގޮތަކަށް އުޅެންވީ އެވެ. މާލެއިން ބޭރަށް ދިއުމުގެ ހުއްދަ އޮތީ ހަމައެކަނި ސަރުކާރުގެ އިސްވެރިންނަށާއި ކުންފުނިތަކުގެ ވެރިންނަށެވެ. އެ ނޫން ބަޔަކު އަތޮޅު ތެރޭގެ ރަށަކަށް ދަންޏާ 14 ދުވަހު ކަރަންޓީނު ވާން ޖެހެ އެވެ. މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގައުމުގެ ހުރިހާ ބާރެއް މިހާރު އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރުގެ މުށުތެރޭގަ އެވެ. ނަމަކަށް ވިޔަސް އެ ބާރު ދީފައި އޮތީ އޭނާ އަށެވެ. އެކަމަކު ކަންކަން ހިނގަނީ ސަރުކާރުގެ އެންމެ އިސްވެރިން ބޭނުންވާ ގޮތަކަށެވެ. އެ ބޭފުޅުންނަށް ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ފަސް ދުވަހުގެ ހުއްދަ ދެވެ އެވެ.
އަންނަ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ސްކޫލްތައް އަހަރީ ޗުއްޓީއަށް ބަންދުކުރާއިރު، އާއްމު މީހުންނަށް މާލެއިން ރަށަކަށް ދެވެން އޮތީ 14 ދުވަހު ކަރަންޓީނުވާ ގޮތަށެވެ. އެނޫން އެއްވެސް ގޮތެއް ނެތެވެ. ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭނީ ކޮންއިރަކުންތޯ ނޫސްވެރިން ތަރުކާރުކޮށް ސުވާލުކުރުމުން ވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަންގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވަނީ މާލެ ތެރޭގައި ބަލި ފެތުރޭތީ ރަށްރަށަށް ކަރަންޓީންނުވާ ގޮތަށް ފޮނުވެން ނެތް ކަމަށެވެ. އަދި ކަރަންޓީން ނުވާ ގޮތަށް ފޮނުވެން އޮތީ މީގެ ހަތަރު ފަސް މަސް ފަހުން ކޮވިޑް ވެކްސިން ލިބިގެން، އެންމެން އެ ވެކްސިން ޖަހައިގެންނެވެ.
އެޗްޕީއޭއިން ކަނޑައެޅި އުސޫލުތަކުގައި ހަރުކަށިކަމާއެކު ހިފަހައްޓަން ޖެހެ އެވެ. ރިސޯޓުތަކުގައި މީހުން ކަރަންޓީނުކުރިއިރު ފަތާފައި ޖެހިގެން އޮތް ރަށަށް ސިނގިރޭޓް ފޮއްޓެއް ގަންނަން ދިއުމުން ވެސް 15 ދުވަހަށް ޖަލުގައި ބަންދުކުރި އެވެ. އަދި ހޯމް ކަރަންޓީނު އުސޫލާ ހިލާފަށް އުޅުނު ބައެއް މީހުންނަށް ވެސް އެފަދަ އަދަބުތައް ދީފައިވެ އެވެ. އެ ފިޔަވަޅުތައް އަޅާފައި ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ބޭނުމުގަ އެވެ.
އެކަމަކު ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިންނަށާއި ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މަޖިލިސް މެމްބަރުންނަށް އަރުވައި ޖަހައިގެން އެއްވެސް ކަރަންޓީނުވުމެއް ނެތި ބޭނުން ރަށަކަށް ދަތުރުކުރެވެ އެވެ. މީގެ އެއް މިސާލަކީ މިދިޔަ ހަފުތާގައި ހއ. ހޯރަފުށީގައި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެވެ.
ހޯރަފުށީގައި އެއާޕޯޓު ހުޅުވުމަށް މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓް ބައެއް ވަޒީރުންނާއި ހއ. އަތޮޅުގެ މަޖްލިސް މެމްބަރުންނާއި އެމްޓީސީސީ އާއި ފެނަކަ ކުންފުނީގެ ހުރިހާ އިސްވެރިންނާއި މޯލްޑިވިއަންގެ އިސްވެރިން އެ ރަށަށް ވަޑައިގެން އެއް ދުވަހުގެ ބޮޑު އިވެންޓެއް ވަނީ ބާއްވައިފަ އެވެ. މި އިވެންޓަށް މާލެއިން ބޭފުޅުން ގެންދިއުމަށް މޯލްޑިވިއަންގެ 50 ގޮނޑީގެ މަތިންދާބޯޓެއް ދެ ދަތުރުކުރި އެވެ. އަދި އެ އިވެންޓަށްފަހު ރަށުގައި ބޭއްވި ޖާފަތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތެއްގައި އޭގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ މައްސަލައަކަށް ނުވެ އެވެ.
ސިއްހީ ވަސީލަތްތައް މަދު ރާއްޖޭގެ ރަށްރަށަށް ކޮވިޑް ފެތުރިގެންދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ދާދި ފަހުން ފުލުހުންގެ ބަޔަކު އުތުރުގެ ރަށްތަކަކަށް ކުރި ދަތުރެއްގައި ހދ. ކުޅުދުއްފުއްޓަށް ކޮވިޑް ފެތުރި މާގިނަ ބަޔަކަށް ނުޖެހި ސަލާމަތްވީ ކިރިޔާ އެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކާއި މަޖްލިސް މެމްބަރުން ކޮންމެ ހަފުތާއަކުން ކޮންމެ ވެސް ތަނެއްގެ ބިންގާ އެޅުމަށާއި މަގު ހެދުން، ބަނދަރު ހެދުން ފަދަ މަޝްރޫއެއް ކުރިޔަށްދާ ގޮތް ބެއްލެވުމަށް ދަތުރުކުރައްވަ އެވެ.
ސަރުކާރުން މިވަގުތު އެންމެ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނީގެ "ހީވާގި" ސީއީއޯ އާދަމް އާޒިމް އާއި ފެނަކަ ކޯޕަރޭޝަންގެ "ކުޅަދާނަ" މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގެންދަވަނީ ކޮންމެ ހަފުތާއަކު ވެސް، ކޮންމެ ވެސް ރަށެއްގައި ހިންގާ ޕްރޮޖެކްޓެއް ކުރިޔަށްދާ ގޮތް ބެއްލެވުމަށް ޓީމުތައް ގޮވައިގެން އުތުރުން ދެކުނަށް ދަތުރު ކުރައްވަމުންނެވެ. މިނޫންވެސް ސަރުކާރުގެ އިސްވެރިންނަށް އެއްވެސް ހުރަހެއް ނެތި ބޭނުން ރަށަކަށް ޕްރޮޖެކްޓްތައް ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށް ދަތުރުކުރެއްވެ އެވެ. އެ ދަތުރުތަކުގައި ރަށްރަށުގެ ކައުންސިލްތަކުގެ އިސްވެރިންނާއި ކަމުވޮށިގެންވާ ބޭފުޅުންނާއެކު ބައްދަލުވުންތައް ވެސް ބާއްވަމުންގެންދަވަ އެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ރައްޔިތުން ދައްކާ ޓެކްސް އިން އެ ބޭފުޅުންނަށް މުސާރަ ދެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ.
މައްސަލައަކަށް ވަނީ މިހާ ހިސާބުންނެވެ؛ މަޝްރޫއުތައް ފެއްޓުމަށާއި އެކަންތައްތައް ކުރިޔަށްދާ ގޮތް ބެލުމުގެ ނަމުގައި ރަށްރަރަށް ދަތުރުކުރުމުގެ ހުއްދަ ހަމައެކަނި ވަކި ބަޔަކަށް އޮތީމަ އެވެ. އާއްމުންގެ އިތުރުން އިދިކޮޅު ޕާޓީތަކުން ވެސް ރަށްރަށަށް ދަތުރުތައް ނުކުރެވޭ ކަމުގެ ޝަކުވާތައް ދަނީ އެޗްޕީއޭ އަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް އޮއްސަމުންނެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ހުއްދަ ދެވޭނެ ގޮތެއް ނެތެވެ. މާލޭގައި ހުސް ޖާގައެއްގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްގެ ތެރެއިން ޖަލްސާއެއް އަދި މަގުމަތީ ހަރާކާތެއް ވެސް ބޭއްވުމުގެ ހުއްދައެއް އެހެން ބަޔަކަށް ނުދެ އެވެ. އެކަމަކު ސަރުކާރުން ކުރަން ބޭނުން ކޮންމެ ކަމެއް ވެސް ކޮންމެ ތަނެއްގައި ކުރެވެ އެވެ. މިއީ ކޮންގޮތަކަށް ދެކޮޅު ޖެހޭ އުސޫލެއް ހަމައެއް ކަމެއް ނޭނގެ އެވެ.