ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރި ވިނަރެސް ފްލެޓްތައް އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ފްލެޓްތައް ޗައިނާގެ ފަރާތުން ހަވާލުކުރެއްވީ ސީއެމްއީސީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ލިއު ޝައުޑާ އެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ފްލެޓްތަކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ކުރީގެ ސަރުކާރުން ހަދަން ފެށި ވިނަރެސް ފްލެޓުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.

އެތަނުގެ މަސައްކަތް އެއްކޮށް ނިންމައި އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ސީއެމްއީސީގެ އިސްވެރިން ވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "ވިނަރެސް"ގެ ނަމުގައި އިމާރާތްކުރި ފްލެޓްތައް އެޗްޑީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ސީއެމްއީސީގެ ޗެއާމަން ސަން ބައި ވިދާޅުވީ ކޮވިޑް-19 އާ އެކު މަސައްކަތްކުރިއަށް ގެންދިއުމަށް އެތައް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް ދިވެހި ސަރުކާރުގެ އެހީގައި އެކަމުން އަރައިގަނެ މަސައްކަތް ނިންމިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި އިތުރަށް ބައިވެރިވާން ބޭނުންވާ ކަމަށެވެ.

މިވަގުތު އެ ކުންފުނިން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިލެކްޓްރިސިޓީ ސިސްޓަމާއި އޯޕަން އެކްސެސް ނެޓްވޯކިންގެ މަސައްކަތް ކުރަމުންނެވެ. ސީއެމްއީސީގެ ޗެއާމަން ވިދާޅުވި ގޮތުގައި 2023 އަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ.

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖަރު ސަހައިލް ވިދާޅުވީ ވިނަރެސްއަކީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދެވަނައަށް އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ކަމަށެވެ.

ހުޅުމާލޭ ހިއްކައި 430 ހެކްޓަރުގެ ރަށަކަށް އެރަށް ހަދާފައިވާއިރު އެތަނުގައި 200،000 އަށް ވުރެ ބޮޑު އާބާދީއެއް އެބަ އޮތް ކަމަށް ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވިނަރެސްގެ ނަމުގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް. ފޮޓޯ: ޗައިނާ އެމްބަސީ

ސުހައިލް ވިދާޅުވީ ހުޅުމާލޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު 2009 ވަނަ އަހަރުން ފެށިގެން އެ ތަރައްގީގެ މަސައްކަތުގައި ސީއެމްއީސީ އިން ބައިވެރިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު މަސަައްކަތް ނިންމާލި 1000 ޔުނިޓާއި 2016 ގައި މަސައްކަތް ނިންމާލި 704 ޔުނިޓްގެ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.

ސުހައިލް ވަނީ ހުޅުމާލޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުން ވަމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.