ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުން ބަދަލުކުރެވިދާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންނި ނިންމުން އެގޮތުގައި ދެމި އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ނިންމުން ބަދަލުކުރެވޭނީ ޕާޓީގެ ކޮންގްރެސްއަކުން ކަމަށެވެ.

"އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައި އޮތީ ރިޔާސީ ކެނޑިޑޭޓަކު ޖޭޕީން ނެރޭނެ. އެ ނިންމުމަށް ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯ އެނގޭނީ ކޮންގަރެސް އާ ކައުންސިލް ހޮވީމަ. ހަމަގައިމުވެސް އަޅުގަނޑުމެން ބާކީ ވެގެން ނުދާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭނުންވާގޮތަށް ކަންތައްތައް ކުރެވޭނީ އެ ޕާޓީއަށް ބާރުތަކެއް ލިބިގެން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ދަލު ބޭރުން ޖެހިގެން ތިބޭހެން ތިބެގެން ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނޯންނާނެކަން ރައްޔިތުން ގަބޫލުކުރަންޖެހޭ ހަމަގާއިމު ވެސް،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން ހެދުމުގެ ކުރިން އެ ޕާޓީއާ އެކު ޕާޓީތަކުން ހަދާ އެއްބަސްވުންތަކަށް ފުރިހަމައަށް އިހްތިރާމް ނުކުރާކަން ފާހަގަކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނަމަ އެ ބޭފުޅަކީ ޕާޓީގެ ލީޑަރެވެ. އެހެންކަމުން އެފަދަ ކެންޑިޑޭޓެއް ނެރޭނަމަ އެ ބޭފުޅަކަށް ވާނީ ގާސިމެވެ.