ޗިލީގެ ކުންފުންޏެއްގައި މަސައްކަތް ކުރި މުވައްޒަފަކަށް މުސާރައިގެ ގޮތުގައި އެ މުވައްޒަފުގެ އަސްލު މުސާރައިގެ 286 ގުނަ އިތުރު އަދަދެއް ޖަމާ ކުރެވުމުން ފައިސާއާއެކު ފިލައިފި އެވެ.

ހޯލްސޭލް ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ފުޑް އިންޑަސްޓްރިއަލް ކޮންސޯޓިއަމްގެ އެ މުވައްޒަފު ފައިސާއާއެކު ފިލީ ކުންފުނިން އިތުރަށް އޭނާއަށް ޖަމާކުރި ފައިސާ އަނބުރާ ރައްދުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

މުވައްޒަފުގެ މުސާރައިގެ ގޮތުގައި 500،000 ޗިލިއަން ފެސޯސް (540 ޑޮލަރު) ކަނޑައެޅިފައިވާ ނަމަވެސް ކުންފުނިން ވަނީ މެއި މަހުގެ މުސާރައިގެ ގޮތުގައި 1.653،988.51 ޗިލިއަން ފެސޯސް (178،630.76 ޑޮލަރު) ނުވަތަ 2.7 މިލިއަން ދިވެހި ރުފިޔާ ޖަމާކޮށްފަ އެވެ.

އޮޅިގެން ނުބައި އަދަދެއް މުސާރައިގެ ގޮތުގައި ޖަމާވުމުން ކުންފުނިން ވަނީ މުވައްޒަފު ބޭންކަށް ގޮސް މުއާމަލާތް ކެންސަލް ކުރަން އެދިފަ އެވެ. ނަަމަވެސް މިކަމަށް ކަނޑައެޅި އެޕޮއިންޓްމަންޓް އޮތް ދުވަހު އޭނާ ފޯނަށް ޖަވާބު ނުދިނުމުން އެކަން ވާގޮތް ވަނީ ނުވެފަ އެވެ.

ފަހުން މުވައްޒަފު ބުނެފައިވަނީ ބޭންކަށް ހާޟިރު ނުވެވުނީ ނިދިފައި އޮތުމުން ކަމަށާއި ކުންފުނިން އިތުރަށް ދިން ފައިސާ އަނބުރާ ރައްދު ކޮށްދޭނެ ކަމަށެވެ.

އެހެން ނަމަވެސް ޖޫން މަހު އޭނާވަނީ ކުންފުނިން އިސްތިއުފާވެސް ދީފަ އެވެ. މި މައްސަލަ ޗިލީގެ ފުލުހުން ބަލަމުން ދާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.