ސަރުކާރުގެ އެކިއެކި އޮފީސްތަކުން މާލޭގެ އެކިއެކި ބިންތަކުގެ ރެޖިސްޓްރީ ހައްދަވައިދެއްވުމަށް އެދެމުން އަންނަކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ޑރ. މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 58 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ ބިންތައް ރަޖިސްޓްރީ ކޮށްދިނުމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ހުރުމުން، މިނިސްޓްރީއަކުން އަދި އެދުނުކަމުގައި ވީނަމަވެސް އިޖުރާއަތްތައް ފުރިހަމަ ނުކުރާ ހިނދަކު ބިންބިން ރަޖިސްޓްރީ ކޮއްދެވެން ނެތް ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ އެހެންނަމަވެސް ސަރުކާރުގެ ވުޒާރާތަކުން ބިންބިން ރަޖިސްޓްރީ ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ގާނޫނީ އިމުގެ ތެރެއިން އެކަމަށް އެދުމުން އެކަން ކޮށްދޭނެ ކަމަށެވެ.