ދިވެހި ފިލްމީ ދާއިރާ އިތުރަށް ތަރައްގީކުރުމަށްޓަކައި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ރައީސްގެ މަގާމަށް އިބްރާހިމް ރަޝީދު މޫސާ (ބުރޯ) ކުރިމަތިލުމަށް ނިންމައިފި އެވެ.

އެމްއެފްއޭގެ ރައީސް ކަމަށް އިބްރާހިމް ރަޝީދު މޫސާ ކުރިމަތިލާ ނިންމާ އެކަން އިއުލާނުކޮށްފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުން ހިމެނޭ ވައިބާ ގުރޫޕެއްގަ އެވެ.

ފިލްމީ ދާއިރާ ހަރުދަނާ ކުރުމަށް ބުރޯ ނިކުމެފައިވަނީ ވަރުގަދަ މެނިފެސްޓޯއަކާއެކު އެވެ.

"ހިންގާލަން" ސްލޯގަންއާއެކު ބުރޯ ކެމްޕޭން ކުރަމުން އަންނައިރު، ފިލްމީ ދާއިރާއަށް 8 ކަމެއް ކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ.

ބުރޯގެ އަށް ވައުދަކީ:

  • ފިލްމު އެސޯސިއޭޝަންގެ ފަންނާނުންނަށް ތައްޔާރުކުރާ ފިލްމީ ކޮމްޕްލެކްސް ތައްޔާރުކުރުން. މި ކޮމްޕްލެކްސްގައި އެމްއެފްއޭގެ އޮފީހަކާއެކު ޒަމާނީ 3 ސިނަމާ އެކުލެވިގެންވާނެ އެވެ.
  • ބޯޑު ހޮވޭތާ ދެވަނަ ދުވަހު ފިލްމީ ފަންނާނުންގެ އާކައިވްގެ މަސައްކަތް ފެށި 60 ދުވަހުގެ ތެރޭގައި ނިންމޭނެ އެވެ.
  • އެމްއެފްގޭ ވެބްސައިޓް ހަދާ 60ވަނަ ދުވަހުގެ ތެރޭގައި އަޕްލޯޑްކުރެވޭނެ އެވެ. މިއާއެކު އެންމެހާ ފަންނާނުންގެ އާކައިވް ވެބްސައިޓަށް އަޕްލޯޑްކުރެވެން ފެށޭނެ އެވެ.
  • ފަންނާނުން އުފައްދާ ފިލްމުތައް މާލޭގައި ޕްރިމިއާކުރާއިރު، މާލެއާ އެއްކޮށް ރަށްތަކުގައި ރިލީޒްކުރެވޭނެ މަގު ފަހިކޮށްދެވޭނެ.
  • ފަންނާނުންގެ މަސައްކަތް އަގުވަޒަންކޮށް، ފަންނުވެރިންގެ އަގުއެރުވުމަށް އަހަރަކު 03 އެވޯޑް ބޭއްވޭނެ އެވެ. މިގޮތުން އެމްއެފްއޭ ފިލްމު އެވޯޑް، ކުރު ފިލްމު އެވޯޑް އަދި މުޅިން އަލަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ މިއުޒިކް ވީޑިއޯ އެވޯޑް ބޭއްވޭނެ އެވެ.
  • ކޮންމެ އަހަރަކު މަދުވެގެން ފަސް ޕްރޮޑިއުސަރަކަށް ފިލްމު އުފެއްދުމަށް ކޮންމެ ޕްރޮޑިއުސަރަކަށް 03 ލައްކަ ރުފިޔާގެ ލޯނު، 12 މަސް ދުވަހުން އަނބުރާ ދައްކާގޮތަށް ދޫކުރެވޭނެ އެވެ.
  • ކޮންމެ 90 ދުވަހަކުން އާއްމު ބައްދަލުވުމެއް ބާއްވާ ޖަމިއްޔާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތަފުސީލު މެންބަރުންނާ ހިއްސާކުރެވޭނެ އެވެ.
  • މުޅިން އަލަށް އުފެއްދޭ ބޯޑަށް ލަފާދޭ ކޮމެޓީއެއް އުފެއްދޭނެ އެވެ.

އާމިރާ އިސްމާޢީލް ވެސް މިފަހަރު ނުކުމެ ހުރީ ބުރޯގެ ޓީމާއެކު "ހިންގާލަން" ސްލޯގަން ހިފައިގެންނެވެ. އާމިރާ ކުރިމަތިލާފައިވަނީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށެވެ.

ބުރޯއަކީ ލަންކާގެ އެޗްއާރުއެމްއައި އިން އެމްބީއޭ އިން ސްޓްރެޓެޖިކް މެނޭޖްމެންޓް އެންޑް ލީޑަޝިޕްގެ ޕޯސްޓް ގެރެޖުއޭޓެކެވެ. ދިވެހި ފިލްމީ ދާއިރާގައި އެކްޓިން އަދި ޕްރޮޑިއުސްކުރުން ފަދަ ކަންކަމުގައި ހަރަކާތްތެރިވެފައިވެ އެވެ.