އައްޑޫގެ ބައެއް ރަށްރަށަށް މިއަދު މެންދުރު ފަހުން ފެށިގެން އުދައަރައި، ބައެއް ގެތަކަށް ވެސް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިއަދު މެންދުރު ފަހު އެންމެ ބޮޑަށް އުދައެރީ މަރަދު އާއި މަރަދޫ ފޭދޫގެ އިތުރުން ހިތަދޫގެ ފުއްޓަރު ފަރާތަށެވެ. އެގޮތުން އެ އަވަށްތަކުގެ އެ ސަރަހައްދުތަކުގެ މަގުތަކާއި ގޭގެ ގޯތި ތެރޭ އާއި ގޭތެރެ އަށް ވެސް ލޮނު ވަދެފައިވެ އެވެ. ބައެއް ސަރަހައްދުތަކުން ރަށުގެ ތެރެއަށް ލޮނުގަނޑު ވަދެ، ބޮޑު މަގަށް ވެސް ލޮނުގަނޑު ފެތިރިފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ގެތަކަށް ލޮނު ވަދެ ވަރަށް ބޮޑަށް ގެއްލުން ވަމުންދާކަމަށާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކް ސާމާނާއި، ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ހަމަ އެއާއެކު އިންޑިޔާގެ އެފްކޮންސް އިން އައްޑޫ ސިޓީގައި ބްރިޖް އެޅުމަށް ހަދާފައިވާ ވެލި ބްރިޖްވެސް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ. ބްރިޖުގެ މަސައްކަތަށް އަޅާފައިވާ ފަސްގަޑާއި އެތަނުގައި ބަހައްޓާފައި ހުރި ބައެއް މެޝިނަރީ ހިމެނޭހެން ގިނަ ސާމާނުތައް ވަނީ އުދަ އަރައި ރާޅާ އެކު އޮޔާގޮސްފަ އެވެ.

އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އަރާފައި: ފޮޓޯ އައްޑޫލައިވް

އައްޑޫ ސިޓީއިން ވާހަކަދެއްކި މީހަކު ބުނެފައިވަނީ އައްޑޫ ސިޓީއަަށް އަބަދުވެސް އުދަ އަރާ ކަމަށާއި ނަމަވެސް މިހާ ބޮޑު ގެއްލުމެއް ލިބުނީ އެއްވެސް ކަހަލަ ސާވޭއެއް ކުރުމެއް ނެތި އެފްކޮންސްއިން އެ ސަރަޙައްދުން ގިނަ އަދަދަކަށް ވެލި ނަގާ ބްރިޖް އެޅުމަށްޓަކައި ވެލި ޕްލެޓްފޯމެއް ގާއިމްކޮށް ހަންކެޑެއާ ދިމާލުން އޮއިދެމޭގޮތަށް އޮންނަ އެތެރެވަރި ބަންދު ކުރުމުން ކަމަށެވެ.

އުދައަރާ މި ޕްލެޓްފޯމް ހަލާކުވިއިރު އެ ސަރަހައްދު އެއްކޮށް ވަނީ ކިލަނބުވެފަ އެވެ. އަދި އެކަމުގެ އަސަރު އެސަރަހައްދުގައި އޮންނަ ތާރީހީ ޑައިވް ސްޕޮޓަށްވެސް ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އައްޑޫގެ އިތުރުން، އެހެން ގިނަ ރަށްތަކަކުންވެސް އުދައަރައިގެން ރިޕޯޓް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކާއި ގުޅިގެން އެރަށްރަށުގެ ޙާލަތު ބަލަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަ ވުމާއި، އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާނެކަމަށް ލަފާކޮށް އެލަރޓްތައްވެސް ދަނީ ނެެރެމުންނެވެ. މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް ހުންނާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.