މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބައެއް ހަތިޔާރުތަކާއި ކ. ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ ތަމްރީނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފި އެވެ.

ރައީސް ސޯލިހު ހަތިޔާރުތައް ބައްލަވާލެއްވީ "އޮފިސާސް ރޭންޖު ޑޭ 2022"ގެ ހަރަކާތްތައް ބައްލަވާ ލެއްވުމަށް ކ. ގިރިފުށީ ޓްރެއިނިން ސެންޓަރަށް ކުރެއްވި ޒިޔާރަތުގަ އެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ހޯދުނު ޒަމާނީ އެކިއެކި ވެޕަން ސިސްޓަމްތަކުގެ ޑިސްޕްލޭއެއް ވެސް ބައްލަވާލައްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިސްޕްލޭގައި، ހާއްސަ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފަށް އަލަށް ހޯދި ހަތިޔާރާއި، ޕާސަނަަލް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުގެ އިތުރުން ސަޕޯޓް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުތައް ރައީސް، ބައްލަވައިލެއްވި ކަމަށެވެ.

މިއަދު ބޭއްވި ވެޕަން ޑޭގައި، އެ ހަތިޔާރުތަކުގެ ޓެސްޓް ޝޫޓިންތައް ގިރިފުށީ ޓްރެއިނިން ސެންޓަރުގެ ފަޔަރިން ރޭންޖުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.