މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާންމު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެފްއޭއިން ބުނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އެމްއެފްއޭ ބޯޑަށް ޖުމްލަ ހަތް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ޗެއާޕާސަންގެ މަގާމާއި ވައިސް ޗެއާޕާސަންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޒަރާ އަދި އިތުރު ތިން މެންބަރުންނެވެ.

މިމަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 10 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އެމްއެފްއޭއިން ބުނެ އެވެ.

މި އިންތިހާބުގެ ކަންކަން ރާވައި ހިންގުމަށް ވަގުތީ ބޯޑެއް ވަނީ އެކުލަވާލާފަ އެވެ. އެގޮތުން އެބޯޑުގެ ޗެއާޕާސަންއަކަށް މުހައްމަދު ނަޝީދު (ބޭބީ) ހަމަޖައްސާފައިވާއިރު، ވައިސް ޗެއާޕާސަން އަކަށް ޔޫސުފް ޝަފީއު (ޔޫޕެ) ވަނީ ހަމަޖައްސާފަ އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަހުމަދު ސައީދު އެވެ.

އެމްއެފްއޭއިން ބުނީ މިމަގާމުތަކަށް ކުރިމަތިލާ މީހުން ފޯމް ހުށައަޅަން ޖެހޭނީ އެމްއެފްއޭގެ އޮފީހަށް ސީދާ ކެންޑިޑޭޓް ހާޒިރުވެ އެވެ.

އެމްއެފްއޭގެ އައު ބޯޑަށް މެންބަރުން ހޮވުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މަގާމުތަކަށް ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތުލުން މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ފުރުސަތު ލިބޭނީ ފިލްމު އެސޯސިއޭޝަންގެ މެންބަރުންނަށެވެ.