ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ ފޯމް ހުށައަޅައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް ތައްޔާރުކޮށް، މިދިޔަ އާދީއްތަ ދުވަހު ލޯންޗުކުރި "ގެދޮރުވެރިން ޕޯޓަލް" އަށް 3،219 ފޯމް މިހާތަނަށް ލިބިފައިވާ ކަމަށެެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމްގައި މިހާތަނަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައި ވަނީ ދެ ހައުސިން ސްކީމަކަށެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް" އެވެ.

ސަރުކާރުން މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4،000 ފްލެޓާއި، 3،000 ގޯއްޗަށް ކުރިމަތިލުމަށެވެ.

މީގެ ތެރެއިން ފްލެޓް ދޫކުރުމަށް ޚާއްސަ "ގެދޮރުވެރިޔާ ސްކީމް"ގެ އެންމެ ބޮޑު ބޭނުމަކީ ތަނަވަސް ބޯހިޔާވަހިކަމަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރުސަތު ފަހިވާ ގޮތަށް ކަށަވަރު ކުރުމެވެ.

މި ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހާގެ ނަމުގައި ބިންކޮޅެއް އޮތްނަމަ، އެ ބިން ދޫކޮށްލާފައި މި ސްކީމްއާއި ބައިވެރިވެވޭނެ އެވެ. މިފަދަ ބިން ދޫކޮށްލާއިރު ޢަމަލުކުރާނެ ގޮތްތައް ވެސް ސްކީމްގައި ވަނީ ކަނޑައަޅާފަ އެވެ.

އެ އުސޫލުގައި ބުނާގޮތުން 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފްލެޓްގެ އަގު ހިލޭކޮށްދޭ ގޮތަށް ވަނީ ނިންމާފަ އެވެ. އަދި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިމުގެ އަގު ފްލެޓްގެ އަގުން އުނިކުރެވޭނެ އެވެ. ދޫކޮށްލާ ބިން އަގުކުރާނީ، އަކަފޫޓަކަށް 3،500 ރުފިޔާ އަށެވެ.

ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ، މަޢުލޫމާތު ރިވިއުކޮށް މާކްސް ދިނުމަށްފަހު ފްލެޓް ލިބުން އެންމެ ހައްގުވެރި މީހުން ބެލުމަށްފަހު އެވެ. އަދި ފްލެޓް ހަވާލުކުރާނީ ފްލެޓް ލިބޭ ފަރާތާއި، ފްލެޓް ހަވާލުކުރާ ފަރާތާ ދެމެދު ވެވޭ ޚާއްސަ އެގްރިމެންޓެއްގެ ދަށުންނެވެ. ކޯ-އެޕްލިކަންޓާއެކު ހުށައަޅައިގެން ލިބޭ ފްލެޓްގައި ސޮއިކުރާނީ މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓެވެ.

މި ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެއަގާ އަގު ނަގާނެ ގޮތް ކަނޑައަޅާނީ ސްކީމް ހިންގާ ފަރާތުންނެވެ.

މާލެއިން މީގެކުރިން ދިރިއުޅުމަށް ގޯތި ދޫކުރީ 1981ވަނަ އަހަރު އެވެ. އޭގެ ފަހުން ނުވަދިހައިގެ ފަހުކޮޅު މާލޭގެ ދެކުނު ފަރާތުގެ ހިއްކި ސަރަޙައްދުން ވަނީ ސަރުކާރުގެ މަތީ ފަންތީގައި ހިމެނުނު ޚާއްސަ ބައެއް ބޭބޭފުޅުންނަށް ގޯދިތީފަ އެވެ. އޭރު ވެސް އާއްމުންގެ ބަޔަކަށް ގޯއްޗެއް ނުލިބެ އެވެ.

އޭގެ ފަހުން އެކި ފަހަރުމަތިން މާލޭގޭގެ ބިމުގެ ދަތިކަން ހައްލުކުރަން އެކި މަޝްރޫއުތައް ހިންގާފައިވެ އެވެ. މާލޭގެ ބިން ހިއްކުމާއި ވިލިމާލެ އާބާދުކުރުމާއި ހުޅުމާލެ ހިއްކައި 2000ގެ ކުރީކޮޅު ހުޅުމާލެއިން ވެސް ފްލެޓް ދޫކޮށް، ބިން ވިއްކި އެވެ. މިފަހަރު ވެސް މާލޭގެ ޢާއްމު ރައްޔިތުންނަށް ޚާއްސަކޮށް ގޯތިދިނުމަށް އެކަށީގެންވާ މަޝްރޫޢެއް ހިންގާފައެއް ނެތެވެ. އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީީ މާލޭގެ ރައްޔިތުންނަށް 5،000 ގޯތި މި ސަރަޙައްދުން ދޫކުރުމަށް ނިންމަވާފަ އެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި، ގުޅިފަޅުން 2،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯއްޗެވެ.