ހުޅުމާލެ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ގޯސްކޮށް ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި ޖޭއެސްސީން އަޅާ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް އިސްތިއުނާފް ކުރަން އޮންނަ ހަމައެކަނި މަޖިލީހެވެ.
ޖޭއެސްސީން ސިޔާމާ އަށް ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލުމަށް ކުރި އަމުރަކާ ގުޅިގެންނެވެ.
ސިޔާމާ މައްޗަށް ޖޭއެސްސީން ފިޔަވަޅު އަޅަން ނިންމުމާ ގުޅިގެން އޭނާ ވަނީ އިސްތިއުނާފު މަޖިލީހަށް އެމައްސަލަ ހުށަހަޅާފަ އެވެ.
އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މުހުތާޒް ފަހުމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިއްތިފާގުން ނިންމެވީ އިސް މެޖިސްޓްރޭޓްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފް ކަމެއް ނޫން ކަމަށެވެ.
އެ ނިންމުމުގައިވަނީ ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ހަދާ އިޖްރާއީ ގޯސްތައް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނައިރު، މި މައްސަލާގައި އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ފަނޑިޔާރަކު ހަދާ އިޖްރާއީ ގޯހެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފްކަމެއް ބޭރުފުށުން ފެނިފައިވާ ކަމަށާއި އެ ނޫން ހާލަތްތަކުގައި އެކަންކަމާ މެދު ގޮތެއް ނިންމޭނީ އިސްތިއުނާފް މަރުހަލާއިން ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ނިންމުމުގައިވާ ގޮތުން އެ މައްސަލާގެ ތުހުމަތު ކުރެވުނު މީހާ ބަންދުން ދޫކޮށްލުމުގައި ކުށުގެ ރެކޯޑް ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށް ނިންމުމުގައި ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ފަދަ ޣައިރު ސުލޫކީ އަމަލެއް ފެންނާކަށް ނެތެވެ.
މިއީ ޖޭއެސްސީގެ ނިންމުމެއް ގޯސްކޮށް ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ފުރަތަމަ ފަހަރެވެ.