ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވިއްކާ ތެލުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ހުރިހާ އެއާލައިނަކަށް ތެޔޮ ފޯރުކޮށްދެމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެ އެއާޕޯޓުން މަތިންދާބޯޓުތަކަށް ތެޔޮ ވިއްކުން ކޮންޓްރޯލްކުުރުމަށް އަޅާފައިވާ ފިޔަވަޅާ ބެހޭ ގޮތުން މިއަދު ހަވީރު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެ ކުންފުނިން މިދިޔަ އާދީއްތަ ދުވަހު އެއާލައިން ކޮމިއުނިޓީއަށް ފިއުލް ނޮޓޭމްއެއް ނެރުނު ކަމަށެވެ. އަދި އެ ނޮޓޭމް ނެރުނީ އެ ކުންފުނީ ތެލުގެ ސްޓޮކް އައުން ލަސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދުވަސްވަރު ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވެއްޖެ. އަދި އެއާއެކު މާލެއިން ސްރީލަންކާއަށް ދަތުރުކުރާ ބޯޓުތަކުން ވެސް ތެޔޮ އަޅާ މިންވަރު ވަނީ އިތުރުވެފައި، ނަމަވެސް މިވަގުތު އަޅުގަނޑުމެން ތެޔޮ ދޫކުރަނީ މެނޭޖްކުރެވޭ ވަރަށް،" ތޯހާ ވިދާޅުވި އެވެ.
ތޯހާ ވިދާޅުވީ އެ ކުންފުނީގެ ފިއުލް ކެޕޭސިޓީއަކީ މިވަގުތު 13 މިލިއަން ލީޓަރު ކަމަށެވެ. އަދި ފޯކާސްޓް ހަދަނީ ކެޕޭސިޓީއަށް ބަލައިގެން އެއާލައިންތައް އަންނަ މިންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް މިހާރު ލަންކާއިން ތެޔޮ ވިއްކުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައި ވަނީ. އެއާއެކު ހުރިހާ އެއާލައިންތަކަށް ވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ނޮޓޭމް ނެރުނީ،" ތޯހާ ވިދާޅުވި އެވެ.
ތޯހާ ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލަ މިމަހުގެ 14 ނުވަތަ 15 ހާތަނުގައި ހައްލުކުރެވޭނެ ކަމަށެވެ.
އެމްއޭސީއެލްއަށް ތެޔޮ ސަޕްލައިކޮށްދޭ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ތެޔޮ ގަންނަން އެއް މަސް ދުވަސްކުރިން އޯޑަރު ދޭން ޖެހޭ ކަމަށެވެ.
"ތެލަކީ ދާގޮތަށް ގޮސް ބޯޓު ކައިރިކޮށްފައި ލޯޑުކުރެވޭ އެއްޗެއް ނޫން. މައްސަލައަކީ މިވަގުތު ހަނގުރާމައާ ހެދި މެދުއިރުމަތީގެ ބަނދަރުތަކަށް ވަރަށް ބޮޑު ތޮއްޖެހުމެއް ކުރިމަތިވެފައިވާތީ ލޯޑުކުރަން ކައިރިކުރަން ގިނަ ދުވަސް ނަގާތީ އާއި ކަނޑުގަދަވުމުން ދަތުރުކުރަން ދަތިވުން،" އޭނާ ވިދާޅުވި އެވެ.