އާރުއެމްއެލްއެސް ލެބޯޓަރީގައި އޭނާގެ ހިއްސާއެއް ނެތް ކަމަށް ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިސްވެރިޔާ ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވިނަމަވެސް އޭނާ ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ތެރޭގައި ޑރ. އަލީ އަބްދުﷲ ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އޭނާ ހަމަޖައްސާފައި ވަނީ 1 ޖޫން 2010 ގަ އެވެ.
މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އާރުއެމްއެލްއެސް ލެބޯޓަރީ އަލީ އެ ކުންފުނީގެ ދަށުން ހިންގާ ތަނެކެވެ.
އައިޖީއެމްއެޗްގެ ލެބޯޓްރީގައި ހުންނަ ތަކެތި ޑރ. އަލީ އަބްދުﷲ ލަތީފްގެ މަސްލަހަތު އޮންނަ ލެބޯޓްރީއަކަށް ގެންދާ ކަމަށް ބުނާ ލިޔުމެއް މީސް މީޑިއާގައި ދައުރުވެ، އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އަލީ ލަތީފް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އެކަން ދޮގު ކުރުމުގެ ގޮތުން އަލީ ލަތީފް ކުރިން ވިދާޅުވެފައި ވަނީ އެ ލެބޯޓަރީގައި އޭނާގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށެވެ.
އެ ލެބޯޓަރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސައީދު ވެސް މީގެކުރިން ވަނީ އަލީ ލަތީފްގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ލޮެބޯޓަރީގައި އަލީ ލަތީފްގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށާއި އެތަނަށް އައިޖީއެމްއެޗްގެ ތަކެތި ގެންދާކަން އަލީ ލަތީފަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަލީ ލަތީފް އިތުރުފުޅު ހެއްދެވިކަން ހާމަވުމުން މީސް މީޑިއާގައި އޭނާ އަށް އަންނަނީ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.