ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އެގައުމުގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމާފައިވާކަން ހާމަކުރައްވައިފި އެވެ.
ބީބީސީ އަށް މައުލޫމާތު ދެއްވަމުން ޕްރެމަދާސަ މިގޮތަށް ވިދާޅުވީ އޭނާގެ ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ)އިން އެހެން ޕާޓީތަކުގެ ތާއީދު ހޯދަން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ. އެސްޖޭބީއާއި އެކުވެރި ޕާޓީތަކުން މިގޮތަށް އެއްބަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރެމަދާސަ ވަނީ 2019 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާޔާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އަދި މިދިޔަ އޭޕްރީލް މަހު ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމަށް ސަޖިތަށް ވަނީ ދައުވަތު އަރުވާފަ އެވެ. ނަމަވެސް އެ ދައުވަތު ޤަބޫލު ކުރައްވާފައެއް ނުވެ އެވެ.
ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މާދަމާ އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އޭނާގެ ބޭބެ މަހިންދަރާޖަ ޕަކްސަ ވެސް ވަނީ މީގެ މަހެއް ދުވަސް ކުރިން ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ އިސްތިއުފާ ދެއްވާފަ އެވެ. އަދި އެ ޤައުމުގެ މިހާރުގެ ބޮޑު ވަޒީރު ރަނިލް ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ.