ބޮޑު އީދު ފާހަގަކުރުމަށް ތ.ކިނބިދޫގައި ބޭއްވި ހަރަކާތެއްގައި ސްކައުޓް ޔުނީފޯމު ބޭނުންކޮށްފައިވާތީ އެކަން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ކުށްވެރިކޮށްފި އެވެ.

އީދު ފާހަގަ ކުރުމަށް ބޭއްވި ހަރަކާތެއްގައި ސްކައުޓް ޔުނީފޯމު ބޭނުންކޮށްފައިވާތީ އެކަން ކުއްވެރިކޮށް ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށެވެ.

އެ ޖަމްއިއްޔާ އަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ އަދި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ގައުމު އެދުނު ކޮންމެ ކަމެއްގައި ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ހިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ސްކައުޓު ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ އެކި އެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން އެކަނި ބޭނުން ކުރުމަށް އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ހުއްދަކުރާ ތަކެއްޗަށް ވާއިރު، ސްކައުޓް އެސޯސިއޭޝަންގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނީފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ސްކައުޓަކީ ކުޑަ ކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްކަމުން އެފަދަ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަމެއް އައިސްދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފަ އެވެ.

އެހެން ކަމުން އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުންދާނެ ކަމުގެ އިންޒާރުވެސް ސްކައުޓް އެސޯސިއޭޝަނުން ވަނީ ދީފަ އެވެ.