ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ މަޝްހޫރު ހާދިސާތަކުގެ ތެރޭގައި ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުން ހިމެނޭނެކަން ކަށަވަރެވެ. "ދުވަހަކުވެސް އަޑިއަށް ނުދާނެ" ކަމަށް ބުނެ ކަނޑަށް ނެރުނު ޓައިޓޭނިކް ވަނީ އޭގެ އަލަތު ދަތުރުގައި ގަނޑުފެންގަނޑެއްގައި ޖެހި، މެދުން ދެފަޅިވެ އެއްކޮށް އަޑިއަށް ގޮސްފަ އެވެ. މިއީ ދިރިތިބީންނަށް އެތައް އިބުރަތެއް ވެސް ލިއްބައިދިން ހާދިސާއެކެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ކުޑަ ދުވަސްކޮޅެއް ކުރިން ހިނގާފައިވާ މި ހާދިސާއާއި ބެހޭ މައުލޫމާތުތަކަކީ ޝައުގުވެރި ވާހަކަތަކެވެ. މިކިޔައިދެނީ އޭގެ ތެރެއިން އެހާ އާންމުކޮށް މީހުންނަށް ނޭނގޭ ބައެއް މައުލޫމާތުތަކެވެ.

ޓައިޓޭނިކް ހޯދުމަށް ކުރި މަސައްކަތަކީ އަސްލު ފިނި ހަނގުރާމައިގެ މިޝަންއެއް

އެކްސްޕްލޯރާ އެއް ކަމަށްވާ ރޮބާޓް ބެލާޑް ބުނި ގޮތުގައި 1985 ވަނަ އަހަރު ޓައިޓޭނިކް ހޯދަން ކުރި މަސައްކަތަކީ ހަގީގަތުގައި އަޑިއަށް ފައްތާލާފައިވާ އެމެރިކާގެ ދެ ނިއުކްލިއާ ސަބްމެރިން ހޯދުމަށް ހިންގި މިޝަން ފޮރުވަން ކުރި މަސައްކަތެކެވެ. އޭނާ ބުނި ގޮތުގައި އެގޮތަށް އެކަން ކުރީ ރަޝިއާގެ ލޯތަކަށް ފިލައިގެން އެކަން ކުރުމުގެ މަގުސަދުގަ އެވެ. އަދި ޔޫއެސްއެސް ޓްރެޝާ އާއި ޔޫއެސްއެސް ސްކޯޕިއަން ހޯދާ އޭގައި ހުރި ނިއުކްލިއާ ރިއެކްޓަރުތަކުން ތިމާވެއްޓަށްވާ ގެއްލުން ބަލާ ހޯދުން މުހިއްމުވި ކަމަށާއި ނަސީބު ކަންދިމާކުރި ގޮތުން ޓައިޓޭނިކްވެސް ފެނުނީ ހަމަ ގާތްގަނޑަކަށް އެ ސަބްމެރިންތައް ފެނުނު ހިސާބުން ކަމަށެވެ. ސަބްމެރިން ހޯދުނު އިރު ޓައިޓޭނިކް ހޯދަން ބާކި އޮތް 10 ދުވަހެވެ. އެހެން ނަމަވެސް ރޮބާޓް ވަނީ ޓައިޓޭނިކް ހޯދާފަ އެވެ.

ޓައިޓޭނިކްގައި ހުރީ އެންމެ މައްސަލައެއް ނޫން

ޓައިޓޭނިކްގައި ހުރި ޑިޒައިން މައްސަލައެއް ކަމަށް އެންމެ އާންމުކޮށް އަޑުއިވިފައިހުރީ އެއާޓައިޓް ބަލްކްހެޑްސް ރަނގަޅަށް ސީލް ނުކޮށްހުރި މައްސަލަ އެވެ. އޭގެ ސަބަބުން ބޯޓުގެ އެކި ފަންގިފިލާތަކަށް ފެން ވަދެ ބޯޓު އަޑިއަށް ދިޔައީ އެވެ. މީގެ އިތުރުން ބޯޓުގެ ޑިޒައިންގައި އިތުރު މައްސަލަތަކެއް ވެސް ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ބޯޓުގައި ބޭނުންކޮށްފައި ހުރި ސްޓީލް އާއި އަޔަން ފިނި ގަދަވުމުގެ ސަބަބުން މުރަނަވެ އަވަހަށް ބިންދައިގެން ދިއުމެވެ. މީގެ ސަބަބުން ހީކުރިވަރަށް ވުރެ 24 ގުނަ އަވަހަށް ބޯޓު އަޑިއަށް ދިޔަ އެވެ.

ޓައިޓޭނިކްގައި ލޯބީގެ އެތައް ވާހަކައެއް

ބެލްފާސްޓް ޓެލެގްރާފްގައިވާ ގޮތުން 13 ލޯބިވެރިން ޓައިޓޭނިކްގައި ހަނީމޫން ހޭދަކުރަމުން ދިޔަ އެވެ. އޭގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ އެއް ޖޯޑަކީ މިލިއަނަރު ޖޭ ޖޭ އެސްޓާ އާއި އޭނާގެ އަންހެނުންނެވެ. އޭރު އޭނާގެ ބަނޑަށް ފަސް މަހެވެ.

އަންހެނުން ލައިފްބޯޓަށް އެރުވުމަށް ފަހު އޭނާ އަށް އެރޭނެ ޖާގައެއް ނެތުމުގެ ސަބަބުން އޭނާ ވަނީ އެ ގަނޑުފެންތަކުގެ ތެރޭގައި މަރުވެފަ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ދެމަފިރިޔަކު "މަރުވަންޏާ މަރުވާނީ އެކުގައި" ކަމަށް ބުނި އަޑު އިވުނު ކަމަށް މީހުން ސަލާމަތްކުރުމުގައި އުޅުނު މީހުން ވަނީ ބުނެފަ އެވެ. އަދި އެތަނުން އަންހެން މީހާ ސަލާމަތްކޮށްގެން ގެންދަން އުޅުމުން ފިރިމީހާއާ ނުލާ ދިއުމަށް ދެކޮޅު ހަދާފައިވެ އެވެ. އެހެންވެ އެ ދެމީހުން އެކުގައި މަރުވުމަށް ދޫކޮށްލާފައިވެ އެވެ.

ފުރަތަމަ ޓައިޓޭނިކް ފިލްމު ނެރުނީ ހާދިސާއަށް މަހެއް ވިތަނާ

ނަވާރަސާތޭކަ ނުވަދިހަ ހަތްވަނަ އަހަރު ނެރުނު ޓައިޓޭނިކް ފިލްމު އަހަރަމެން އެންމެނަށް ވެސް އެނގެ އެވެ. އަދި މި ހާދިސާ އަސްލަކަށް ބަލައިގެން 1958 ވަނަ އަހަރު ނެރުނު "އަ ނައިޓް ޓު ރިމެމްބާ" ވެސް އެނގޭނެ އެވެ. ނަމަވެސް އޭގެ މާ ކުރިން 1912 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ވަނީ މި ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމެއް ނެރެފަ އެވެ. އެއީ ޓައިޓޭނިކް އަޑިއަށް ދިޔަތާ އެއްމަސް ފުރުނު ދުވަހެވެ. "ސޭވްޑް ފްރޮމް ދަ ޓައިޓޭނިކް" ނަމަކަށް ކިޔާ ފިލްމުގައި ހަރަކާތްތެރިވެފައި ވަނީ އެކްޓްރެސް ޑޮރޮތީ ގިބްސަން އެވެ. އޭނާ އަކީ އަސްލު ޓައިޓެނިކް ހާދިސާއިން ސަލާމަތްވި މީހެކެވެ. އަދި އެ ފިލްމުގައި އޭނާ ލައިގެންހުރީ ވެސް އެ ހާދިސާ ހިނގާދިޔަ ރޭ އޭނާ ލައިގެންހުރި ހެދުމެވެ. މި ފިލްމު ވެސް ޓައިޓޭނިކް ބޯޓު ފަދައިން ވަނީ ނެތިގޮސްފަ އެވެ. އަދި މި ފިލްމުގެ ހުރިހާ ޕްރިންޓްތަކެއް ވަނީ 1914 ވަނަ އަހަރު އެ ސްޓޫޑިއޯގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއެއްގައި ނެތިގޮސްފަ އެވެ.

ޖޭމްސް ކެމެރޫންގެ ޓައިޓޭނިކް ފިލްމަށް ލިބުނު އާމްދަނީ އިން 11 ޓައިޓޭނިކް ބަނދެވިދާނެ

މަނީ މެގަޒިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓައިޓޭނިކްގެ އަގު 1912 ވަނަ އަހަރު ގާތްގަނޑަކަށް 7.5 މިލިއަން ޑޮލަރަށް އަރަ އެވެ. ޔޫއެސްގެ ނިއުރޯ އޮފް ލޭބާ ސްޓެޓިސްޓިކްސްގެ އިންފްލޭޝަން ކަލްކިއުލޭޓަރުން ބަލައިރޔުު މިއަދު އޭގެ އަގު 197 މިލިއަން ޑޮލަރަށް އަރާނެ އެވެ. އޮސްކާ އެވޯޑުވެސް ހާސިލު ކުރި ޖޭމްސް ކެމެރޫންގެ ޓައިޓޭނިކް ފިލްމަށް މުޅި ދުނިޔެއިން ޖުމްލަ އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ 11.2 ޓައިޓޭނިކް ބަނދެވިދާނެ ވަރުގެ އަދަދެކެވެ.