ސޮނީ ޓީވީން މެދުކަނޑާލާފައި އޮތް މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެލީ ޗައްކަރުން ބުނި ގޮތުގައި ޝޯގެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ސެޕްޓެންބަރު މަހު ޝޯ އަލުން ފެށުމަށެވެ. މިފަހަރުގެ ޝީ ގެނެސްދެނީ އާންމުކޮށް ފެންނަ ބައެއް ފަންނާނުންގެ ބަދަލުގައި އާ ފަންނާނުން ހިމަނައިގެންނެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކަޕިލްއާ އެކީ އާންމުކޮށް ފެންނަ ބައިވެރިންނަކީ ކްރުޝްނާ އަބީޝެކް، ޗަންދަން ޕްރަބާކަރް (ޗަންދޫ) އާއި ކިކޫ ޝްރަދާ އާއި ސުމޯނާ ޗަކްރަވަތީގެ އިތުރުން ބާރްތީ ސިންގް އެވެ. ޓެލީ ޗައްކަރުން ބުނީ މީގެ ތެރެއިން ބައެއް ފަންނާނުންގެ ބަދަލުގައި އަލުން ޝޯ ފަށާ އިރު، އާ މޫނުތަކެއް ފެންނާނެ ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ސޮނީން އަދި ރަސްމީކޮށް ހާމަކޮށްފައިނުވެ އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ދަ ކަޕިލް ޝަރުމާ ޝޯ" މިދިޔަ މަހުގެ ތެރޭގައި މެދުކަނޑާލީ އެޓީމުގެ ވޯލްޑް ޓުއާއަކަށް އުތުރު އެމެރިކާއަށް ދިޔުމަށްޓަކަ އެވެ.

ކޮމީޑިއަން ކަޕިލް ހޯސްޓްކުރާ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯ އެވެ.