ސަރުކާރުން މިހާރު އިމާރާތްކުރާ ފްލެޓްތައް ކަސްޓަމްސްގެ ބައެއް މުުވައްޒަފުންނަށް ހާއްސަ ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށް ވާއިރު، އެ ކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ހުރިހާ މަޝްރޫއުތަކެއް ވެސް މި ހިންގަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ޚިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން. އެގޮތުން ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކުން، މިހާރު އިމާރާތް ކުރަމުން މިގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 132 ވަނަ އަހަރީ ހަފްލާގައި ރައީސް ސޯލިހު މިރޭ ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަންނަނީ އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އިމާރާތް ކުރަމުންނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން ފްލެޓްތައް އިމާރާތް ކުރަނީ 18 ފްލޯ ހިމެނޭ 32 ޓަވަރުގަ އެވެ. އެ ފްލެޓްތަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭގެ އިތުރުން، ކަސްޓަމްސްގެ މުވައްޒަފުންނަށްވެސް ހެލްތު އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ގާއިމްކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. މިއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަސްޓަމްސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއް ކަމަށާއި އެކަން ކުރެވޭނެ މަގެއް ހޯދައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 132 ވަނަ އަހަރީ ހަފްލާގައި ރައީސް ސޯލިހު މިރޭ ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކަސްޓަމްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު، މިއީ ފުރިހަމަ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫނީ ނަތީޖާ ނުނެރެވޭނެ މުއައްސަސާއެއް. ޒިންމާ އަދާކުރުމުގައި އެންމެ މުވައްޒަފަކުވެސް އިހުމާލުވެއްޖެނަމަ، މުޅި މުއައްސަސާގެ ޚިދުމަތް ބޮއްސުންލައިގެން ހިނގައިދާނެ،
ރައީސުލްޖުމްހޫރިއްޔާ

"ކަސްޓަމްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު، މިއީ ފުރިހަމަ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫނީ ނަތީޖާ ނުނެރެވޭނެ މުއައްސަސާއެއް. ޒިންމާ އަދާކުރުމުގައި އެންމެ މުވައްޒަފަކުވެސް އިހުމާލުވެއްޖެނަމަ، މުޅި މުއައްސަސާގެ ޚިދުމަތް ބޮއްސުންލައިގެން ހިނގައިދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 132 ވަނަ އަހަރީ ހަފްލާގައި ކަސްޓަމްސްގެ ބައެއް މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކަސްޓަމުން ނެރުނު ނަތީޖާއަށް ބަލާއިރު، ޒިންމާ އަދާކުރުމުގައި ވެސް އަދި އިދާރީ ހިންގުންތެރިކަމުގައި ވެސް، ބަދަހި ގުޅުން ކަސްޓަމްސްގެ ތެރޭގައި އޮތް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 132 ވަނަ އަހަރީ ހަފްލާގައި ކަސްޓަމްސްގެ ބައެއް މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

"އެއް ޢަޒުމެއްގައި އެއް ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ކަސްޓަމްސްގެ މަގުބޫލުކަން ވަނީ އިތުރުވެފައި،" ރައީސް ވިދާޅުވި އެވެ.