މާލޭގެ ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ ގޯތި އަދި ފްލެޓް ދިނުމުގެ މަޝްވަރާތަކުގައި މާލެ ސިޓީ ކައުންސިލް ބައިވެރިކޮއްފައިނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ މީހުންނާއެކު ލޮނުޒިޔާރަތް ޕާކުގައި ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބެން ވާނީ ހިލޭ ކަމަށް ސިޓީ ކައުންސިލުން ފެށުނީއްސުރެ ވަކާލާތު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ވެސް ފޮނުއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ، އެކަމާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި ކަންކަމުގެ ގޮތުގައި ނޫސްތަކުން ފެންނަ މައުލޫމާތަށް ބަލާއިރު ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އުޅެނީ ހިލޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މޭޔަރުގެ ވާހަކާގައިވަނީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ސިޓީ ކައުންސިލަށް އެއްބާރުލުން ލިބޭކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ބައެއް މުއްސަސާތަކުން އެއްބާރުލުން ނުލިބޭކަން ވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ.
"އެއްބާރުލުންދޭ މުއައްސަސާތައް ވެސް އެބަހުރި، ނަމަވެސް ގެދޮރުގެ ކަންކަން ކަހަލަ ކަންތައްތަކުގައި ސަރުކާރުން އެއްވެސް ވަރަކަށް ސިޓީ ކައުންސިލާ މަޝްވަރާއެއް ނުކުރޭ، ބޭނުންވަނީ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް މިހާރު ހުޅުވާލެވިފައިވާ ގޯތި ދިނުމުގެ ކަންތައްވެސް ދާން، ޝަރުތުތައް ކަނޑައެޅުންވެސް، ސަރުކާރުން އެކަން ކުރަނީ ރަނގަޅަށްތޯ ޔަޤީން ކުރަން ބޭނުންވޭ،" މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ފުލެޓަށް އެދި ފޯމް ހުށަހަޅުއްވަން ޖެހެނީ އޮންލައިން ކޮށް ކަމަށްވާތީ އެކަމުގައި ރައްޔިތުންނަށް އެހީވުމަށް ސިޓީ ކައުންސިލުން ބޭނުންވެލައްވާ ކަމަށް ސަރުކާރަށް ދެންނެވި ކަމަށާއި، އެހެން ނަމަވެސް އެކަމަށް ވެސް ސަރުކާރުން ދެއްވީ ބީރު ކަންފަތެއް ކަމަށެވެ.
ނަމަވެސް އެކަމުގައި ކައުންސިލުން އަމިއްލައިން އިސްނަންގަވައިގެން ރައްޔިތުންނަށް އެހީވުމަށް ނިންމަވާފައިވާ ކަމަށާއި، އެކަން ކުރިއަށްދާނެ ގަޑިތަކާއި އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި އިއުލާން ކުރެވިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މިއާއެކު މުއިއްޒު ވަނީ ގުޅީފަޅުން ގޯތި ދުކުރުމުގެ ކަންތަކުގައި ވެސް ސަރުކާރުން މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ނުކުރައްވައި ސިޓީ ކައުންސިލްގެ އެދި ލެއްވުންތަކުގެ އަޑު ނާއްސަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، އެތަނުން ޕޯޓް ހެދުމަށް ބޭނުންވާ ބިމުގެ އިތުރުން 200 ހެކްޓަރުގެ ބިން ހިއްކުމަށް ކައުންސިލުން އެދި ލެއްވި ނަމަވެސް ސަރުކާރުން ނިންމަވާފައިވަނީ އިތުރަށް 100 ހެކްޓަރު ހިއްކަވަން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ގާތް ގަނޑަކަށް ފަސް ފަހަރު އަޅުގަނޑުމެންނަށް ސިޓީ ފޮނުވިއްޖެ ރައީސް އޮފީހަށް. މިގޮތަށް މިކުރެވުނު މަސައްކަތުގެ ނަތީޖާއެއް ކަންނޭގެ މިހާރު އިއުލާން ކުރަން އެބަ އުޅޭ، އަޑު އެބަ އިވޭ، ނޫސްތަކުން، އަޅުގަނޑުމެން ބައިވެރި ނުކުރާތީ ނޫސްތަކުން އެނގޭ އެއްޗެއް ދެންނެވޭނީ އެތަނުން ކޮންމެސް ވަރެއް އިތުރަށް އެބަ އުޅޭ ހިއްކަން މިހާރު. ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ 100 ހެކްޓަރު ބިން،" ގުޅީ ފަޅު ހިއްކުމާ ގުޅިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ މާލެ ސަރަހައްދުން 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ މީހުން ވަނީ އެ ކަމަށް އެދި ފޯމު ހުށަހަޅާފަ އެވެ.