މާތްﷲ ގެ ކޯފާއަށް ހުށަހެޅޭ ފަދަ މުޑުދާރު ފާހިޝް އަމަލުތައް ލޯމަތީ ތަކުރާރުވާނަމަ ގާނޫނީ ހަމަތަކުގެ ތެރެއިން އަޅަންވާ ފިޔަވަޅު ނާޅާ ދޫނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެއް ޖިންސުން ގުޅުން ހިންގުން އާންމުވެ، ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުންނާއި ދިވެހިންތަކެއް އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯތަކެއް ލީކްވުމުން އެ ވީޑިއޯތަކުގެ މައްސަލަ އެންމެ އެކަށޭނެ ގޮތެއްގާ ބަލަމުންނުދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރާއި އަދާލާތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ދީނުގެ ހުދޫދު ނެތިކޮށް، ގައުމުގެ އިޖްތިމާއީ ފޭރާން ވީދާ، ﷲގެ ކޯފާ ގައުމަށް ހުށަހެޅޭ ފަދަ ހަޑިހުތުރު، މުޑުދާރު، ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން ފިޔަވަޅު ނާޅާ ދޫކޮށްނުލާނެ ކަމަށެވެ.
"މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ، ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ އަޅުގަނޑު އިންޝާﷲ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން އެގޮތަށް ވިދާޅުވި ނަމަވެސް، އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯތައް ލީކުވެފައިވާއިރު އެ މީހުންނާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅައި ސަރުކާރުގެ ހިމާޔާތުގާ ތިބޭ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅު ކުރެ އެވެ. އަދި ދީނަށް ފުރައްސާރަކުރި އެތައް ބަޔަކާ މެދުގައި ވެސް ފިޔަވަޅެއް އެޅިފައި ނުވާތީ ވެސް އަންނަނީ އަދާލަތާއި އިމްރާނަށް ފާޑު ކިޔަމުންނެވެ.
ދާދިފަހުން މާލޭގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ނުކުތް އިލްމުވެރިން ބަންދުގައި ބެހެއްޓި ނަމަވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މީހުންނާމެދު ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ އަދަދެއްގެ އިލްމުވެރިން ވެސް އިމްރާނަށް ފާޑު ކިޔަމުންދެ އެވެ.
ލިވާތުކުރާ ވީޑިއޯތައް ލީކްކޮށްލިތާ އެތައް ދުވަހެއް ވެފައިވާއިރު މިހާތަނަށް އެ މައްސަލައިގާ މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެއްޖިންސުން ގުޅުން ހިންގި އަލަމްގީރް ވެސް ހައްޔަރުކޮށްފައި ވަނީ ލިވާތުކުރި ކަމަށް ބުނާ މީހުންނަށް ބިރުދައްކާ ބްލެކްމެއިލް ކުރުމުގެ މައްސަލައިގަ އެވެ.
އެކަމަކު، އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ.