ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ

ރައީސް ނަޝީދު ސީޝެލްސްއަށް ވަޑައިގަންނަވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މރ. ރޮޖަރ މަންސިއެންގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 28 އަށް ކަމަށެވެ. މި ދަތުރުފުޅަށް މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދު ފުރާވަޑައިގަންނަވާނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި އަދި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.

"މި ބައްދަލުވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި" މަޖިލީހުން ބުނެފައިވެ އެވެ.

ރާއްޖޭ އާއި ސީޝެލްސް އަކީ ދާދި އެއްގޮތަކަށް އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ދެ ގައުމު ކަމާއި އަދި ދެ ގައުމަށް ދިމާވެފައިވެފައިވާ ގޮންޖެހުންތަކާއި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ވެސް ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތުގެ ސިޓީފުޅުގައި ފާހަގަ ކޮށްފައިވާކަން މަޖިލީހުން ވަނީ ބުނެފަ އެވެ.