އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް އެކަމަށް އެދިވަޑައިގަތީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ.
އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެކައުންޓިންގ ދާއިރާގެ ގާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
އަދި، މިހާރު ސާރުކާރުން ފޯރުކޮށްދޭ މަތީ ތައުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިންގ ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ވެސް ދިވެހިންނަށް އިސްކަންދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން ވަނީ އެ އިންސްޓިޓިއުޓް އުފެދުމަށްފަހު ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައި ފައެވެ.
އަދި، ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނާއެކު އެ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާކަން ފާހަގަކުރެއްވި އެވެ.