ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، ނިއު ރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތްވެ އެނބުރި ގަލޮޅު ދަނޑަށް އައި މެޗުގައި ސަޕޯޓަރުންގެ ފަރާތުން ތަފާތު މަންޒަރެއް ރޭ ދައްކައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފޯރިގަދަ މެޗެއް ބަލަން ނުވަންނަހާ ގިނަ އަދަދެއްގެ މީހުން ދެ ވަނަ ޑިވިޝަނުގައި ރޭ ވިކްޓަރީ އަތުން 4-1 އިން ނިއު މޮޅުވި މެޗު ބަލަން ދަނޑަށް ވަނެވެ. ދަނޑުގެ ގޮނޑިބަރި އެކުގައިހެން ވަނީ ފުރިފަ އެވެ. މަޖީދީ މަގާވީ ފަރާތުގެ ސިޑިބަރީގައި ވެސް ގިނަ އަދަދެއްގެ މީހުން ތިއްބެވެ. ނިއުގެ ސަޕޯޓަރުންނަށް ޚާއްސަ އެ ސަރަހައްދުގައި ތިބި މީހުން ދިޔައީ ކެނޑިނޭޅި ޓީމަށް ތަރުހީބު ދެމުންނެވެ. މެޗު ފެށިގެން ނިމެންދެން ހިނދުކޮޅަކަށް ވެސް ބެރުގެ އަޑު ނުކެނޑެއެވެ. ދަނޑުގައި އާއްމުކޮށް ބެރު ޖަހައި ފޯރި ނަގަނީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ މެޗުތަކުގަ އެވެ.
ނިއު/ ވިކްޓަރީގެ ކުރިމަތިލުމުގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ ގިނަ އަދަދެއްގެ އަންހެނުން ވެސް ދަނޑަށް ވަންކަމެވެ. ޚާއްސަކޮށް ސިޑިބަރީގައި ވެސް ކުޅިބަލަން އަންހެނުން ތިއްބެވެ. އޭގެ ތެރޭގައި އެކި އުމުރުފުރާގެ މީހުން ހިމެނެ އެވެ. ޓީމު ޖޯޒީ ލައިގެން ދިދަ ހިފައިގެން ކުޑަ ކުދިން ވެސް ދަނޑަށް ވަދެ ފޯރި ނެގި އެވެ.
ނިއު/ވިކްޓަރީގެ ފޯރިގަދަ ކުރިމަތިލުމުން ދައްކުވައި ދިނީ ދިވެހި ފުޓުބޯޅަ މަރުނުވާ ކަމެވެ. ރާއްޖޭގައި އެންމެ ކާމިޔާބު ދެ ޓީމުގެ މެޗެއް ބަލާލަން ކެތްމަދުވެފައި ތިބި އެތައް ބަޔަކު ތިބިކަން ރޭ ވަނީ ދައްކުވައިދީފަ އެވެ. އައްޑިހައިގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ދިވެހި ފުޓުބޯޅަ އޮތް ހިސާބަށް ނުދިޔަ ނަމަވެސް، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބުތަކުގެ މެޗުތައް ޕްރޮމޯޓްކޮށްގެން ދަނޑު ފުރާލެވިދާނެ އެވެ. ކްލަބު ސަސްޕެންޝަނުގައި އޮތް ނަމަވެސް ވަފާތެރި ސަޕޯޓަރުން ތިބީ ކްލަބުގެ ފަހަތުގަ އެވެ.
ދެ ކްލަބު ވެސް ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދިން މައްސަލާގައި ޖެނުއަރީ 2019 ގައި ނިއު ސަސްޕެންޑްކުރީ ބިދޭސީ އަދި ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުންނެވެ. އޭގެ ފަހުން ފީފާ އިން ވަނީ ބިދޭސީ އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ނިއު އަށް އިތުރު އަދަބެއް ދީފަ އެވެ. ބިދޭސީ ކުޅުންތެރިންނަށް 225،000 ޑޮލަރު (3.4 މިލިއަން ރުފިޔާ) ދައްކަން އޮތްކަމަށްވެ އެވެ. ދިވެހި ކުޅުންތެރިންނަށް ވެސް ދެ މިލިއަނެއްހާ ރުފިޔާ ދައްކަން އޮތެވެ. އެ ފައިސާ ދައްކަން ދިވެހި ދިހަވަރަކަށް ކުޅުންތެރިންނާއި އެކު ނިއު ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. ބިދޭސީ ކުޅުންތެރިންގެ ފައިސާ، އެ ކްލަބާ އަލަށް ހަވާލުވި މެނޭޖްމަންޓުން ވަނީ ހޯދައި ފީފާއާ ހަވާލުކޮށްފަ އެވެ. އެއާ އެކު އެފްއޭއެމްގެ އެކްސްކޯ އިން ނިއުގެ ސަސްޕެންޝަން އުވާލައި ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ދިނެވެ.
ކުޅުންތެރިންނާއި ކޯޗުންނަށް ނުދީހުރި މުސާރަ އާއި ކްލަބު ލައިސަންސިން ފުރިހަމަކޮށްފައި ނުވާތީ ވިކްޓަރީ ސަސްޕެންޑްކުރީ ޑިސެމްބަރު 2019 ގަ އެވެ. ވިކްޓަރީން ވަނީ ކުޅުންތެރިންނަށް ދައްކަން އޮތް އަށް ލައްކައެއްހާ ރުފިޔާ ދައްކައި، ސަސްޕެންޝަނުން ސަލާމަތްވެފަ އެވެ.
ދިވެހި ފުޓުބޯޅައިގެ މާޒީ އަށް ބަލާއިރު އެންމެ ވާދަވެރި މި ދެ ކްލަބުން އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ އޮކްޓޯބަރު 2018 ގަ އެވެ. އެ މެޗުގައި ނިއު އަށް ކޯޗުކޮށް ދިން ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން ނިއު ރޭ ހޯދި ކާމިޔާބީއަކީ އޭނާގެ އުފަން ދުވަހު ދިން ހަދިޔާއެއް ވެސް މެ އެވެ.
އަސްލު ވެސް ވަރަށް ސަޕޯރޓަރުންގެ ފޯރިގަދަ މެޗެއް. ހާއްސަކޮށް ނިއުގެ ސަޕޯރޓަރުން