ޔޯގާ އަކީ އިސްލާމް ދީނުގައި މަނާ ކަންކަމެއް ނޫން ކަމަށާއި އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ޔޯގާއާ ގުޅިގެން ގިނަ ބަޔަކު ހިޔާލުތަފާތުވުންތަކެއް ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ގާނޫނުއަސާސީގައި ވެސް އެއްވެސް ގާނޫނެއްގައި ވެސް އަދި އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަމަށެވެ.

އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު މިފަދައިން ވިދާޅުވި ނަމަވެސް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން "އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ" ނަމުގައި ނެރުނު ބަޔާނެއްގައި ވަނީ ޔޯގާގެ ތަފާތު މަފްހޫމުތަކާއި، ޔޯގާ އާއި މެދު އިސްލާމީ އެކި އިލްމުވެރިން ގެންގުޅޭ ރައުޔުތައް ތަފްސީލުކޮށް ގެނެސްދީފަ އެވެ.

އަދާލަތުގެ އިތުރުން ރާއްޖޭގެ 104 ދީނީ އިލްމުވެރިން ސޮއިކޮށް ޔީގާ އަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބަޔާންކޮށް ފަތުވާއެއް ވަނީ ނެރެފަ އެވެ.

ދީނީ އިލްމުވެރިން މިފަދައިން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އާއި އެމްޑީޕީގެ ބައެއް ފަރާތްތަކުން އަންނަނީ ޔޯގާއަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެއް ނޫން ކަމަށް ބުނަމުންނެވެ.

ޔޯގާ މައްސަލާގައި ދިވެހިން މެދުގައި މިހާ ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރުވެސް އިސްލާމިކް މިނިސްޓްރީނާއި ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިކަމުގައި ވަކި އެއްޗެއް ހާމަކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.