ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ޖަވާހިރެއް ކަމަށްވާ "ޕިންކް ޑައިމަންޑް"އެއް އަންގޯލާއިން ފެނިއްޖެ އެވެ.

އަންގޯލާއިން މި ޑައިމަންޑް ފެނިފައި ވަނީ އެ ގައުމުގެ މައިންއެއް ކަމުގައިވާ ލޫލޯ މައިން ކޮނުމުގެ ތެރޭގައި އެ މައިންގެ މައިނަރުންނަށެވެ.

170 ކެރެޓްގެ މި ޑައިމަންޑްއަކީ ފާއިތުވެ ދިޔަ 300 އަހަރުގެ ތެރޭގައި ފެނުނު މިފަދަ އެންމެ ބޮޑު ޖަވާހިރު ކަމަށް އޮސްޓްރޭލިއާގެ ސައިޓް އޮޕަރޭޓަރުން ބުނެ އެވެ.

ޓައިޕް ޓޫ ޑައިމަންޑްތަކުގެ ވައްތަރެއް ކަމަށްވާ ޕިންކް ޑައިމަންޑްއަކީ ގުދުރަތީ ޖަވާހިރުތަކުގެ ތެރެއިން އެންމެ މަދުން ފެންނަ އަދި އަގުބޮޑު ވައްތަރުތަކުގެ ތެރެއިން ޖަވާހިރެކެވެ.

މި ހޯދުމަށް އަންގޯލާގެ ސަރުކާރުން މަރުހަބާ ކިޔާފައިވާއިރު އެ ގައުމުގެ މިނިރަލް މިނިސްޓަރު ވިދާޅުވީ މި ރެކޯޑްއަކީ ޑައިމަންޑް މާކެޓްގައި އެގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ ކުރިން ހޮވި މިފަދަ އެންމެ ބޮޑު ޖަވާހިރު ހޮންގްކޮންގްގައި 2017 ވަނަ އަހަރު ވިއްކާލާފައިވަނީ 71.2 މިލިއަން ޑޮލަރަށެވެ. އެއީ 59.6 ކެރެޓުގެ ޕިންކް ޑައިމަންޑް އެކެވެ.