މިދިޔަ ހޮނިހިރު ދުވަހު، ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ރާއްޖޭގައި ކުރިއަށްދިޔަ އިޙްތިޖާޖުގެ ތެރެއިން ނ. ލަންދޫ ސްކޫލްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

އެ މުއައްޒަފުން ސަސްޕެންޑްކޮށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ލިޔުން "ހުރިހާ" އަށް ވެސް ވަނީ ލިބިފަ އެވެ. އެލިޔުމުގައިވަނީ މައްސަލަ ތަހުގީގުކޮށް ނިމެންދެން 30 ދުވަހުގެ މުއްދަތަށް އެ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޢަބްދުﷲ ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލުމަށާއި އަދި އެމަނިކުފާނަށް ނުޙައްޤުން އަނިޔާ ދެމުންދާތާ 365 ދުވަސް ވުމާގުޅިގެން "ރައީސް ޔާމީނަށް ކުރާ އަނިޔާއާއި ދެކޮޅަށް ރާއްޖެ" މިނަމުގައި ރާއްޖޭގައި ކުރިއަށްދިޔަ ސުލްޙަވެރި އިޙްތިޖާޖުގައި ބައިވެރިވި ނ. ލަންދޫ ސްކޫލްގައި ވަޒީފާ އަދާކުރާ އިބްރާހީމް ޢަބްދުއްލަތީފް އާއި ޚާލިދު އަބްދުލް ކަރީމް 30 ދުވަހަށް ސަސްޕެންޑް ކުރުން މިކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް ވެސް ގޮވާލާފައިވެ އެވެ.

އެ ދުވަހުގެ އިޙްތިޖާޖުގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިބި ފަރާތްތަކަށް އިންޒާރުދީ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. އަދި ބިރުދެއްކުމާއި އިންޒާރަށް ފަސްނުޖެހި، ހައްގު ގޮތުގައި ރައްޔިތުން އަޑުއުފުލަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް އެމަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސޮއިކުރައްވާފައިވާ ލިޔުމުގައި އެދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔައީ "ރައީސުލްޖުމްހޫރިއްޔާ ދަންޖައްސާ މަރާލުމަށް" ކަމަށް އޮތުމަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއްކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެއީ ކޯލިޝަން ބަދުނާމުކޮށް ހަގީގަތް އޮޅުވާލުމަށް ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ހަޑިހުތުރު އަމަލެއް ކަމަށާއި މިކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.