ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމަކީ ގައުމަށް ޣައްޔާރުވެފައިވާ ތިބި ލީޑަރުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގައުމަށް ޖެހިފައިވާ ހާލަތުގެ ޒިންމާއިން ގާސިމް އާއި ކާނަލް ނާޒިމަށް ރެކިވަޑައިނުގެންނެވޭނެ ކަމަށާއި އެއީ މަރު ދުވަހާ ހަމައަށް ވެސް ގައްދާރުން ކަމަށެވެ.
ސަރުކާރުގެ އިސްވެރިންގެ މެދުގައި ޒިނޭ ކުރުމާއި ފާހިޝް އަމަލުތައް އާންމުވެފައިވާ މިންވަރު ރައްޔިތުންނަށް މިހާރު ހާމަވެފައިވާއިރު ނާޒިމް އާއި ޤާސިމް ދަނީ މަޑުމަޑުން ވެރިކަން ކުރާ ކޯލިޝަނާއި ދުރަށް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ދެބޭފުޅުންވެސް ނުސީދާކޮށް މިހާރު ސަރުކާރަށް ފާޑުވިދާޅުވެ އެވެ. އެހެން ނަމަވެސް ޤާސިމް އާއި ނާޒިމް އަކީ މި ސަރުކާރު ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ދެބޭފުޅުންނެވެ.
މިހާރު ފެންމަތިވެގެން އުޅޭ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި މިހާތަނަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.
އިސްލާމް ދީނާ ހިލާފު އެތަކެއް ކަމެއް ގައުމުގައި ފެނިގެންދާއިރު އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން ނާޅާތީ އެކަމަށް ސަރުކާރަށް ފާޑިޔުން ވަނީ އަމާޒުވެފަ އެވެ. މިކަމާއި މެދުގައި އަދާލަތު ޕާޓީގެ ޝެއިހުން ވަކި އެއްޗެއް ވިދާޅުވެފައިނުވާތީ އެކަމަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އަދާލަތު ޕާޓީގެ ޝެއިހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހިޔާމަތް ހޯދާފައި ކަމަށެވެ.
ޔާމީނަށް ރައްދު ދެއްވައި ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވީ ޔާމީނަށް ވުރެ ބޮޑަށް މިގައުމަށް ގައްދާރުވި ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މަކަރާއި ހީލަތުގެ މައްސަލަތަކާއި ރިޝްވަތާއި ވައްކަމުގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ޖަލަށްލާ އަނިޔާދިން ކަމަށް ވިދާޅުވި އެވެ.
މި ދަރަޖައަށް ކަންކުރައްވާފައިވާ އިރު، ގައުމުގެ ބޮޑު ގައްދާރަކީ ކޮބާތޯ ނާޒިމް ސުވާލު އުފެއްދެވި އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ފެންމަތިވުމާއި ގުޅިގެން ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުން ވަނީ އިތުރަށް ބޮޑުވެފަ އެވެ. އަދި ޕާޓީގެ އެތެރެއިން ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ތުހުމަތުތައް ދަނީ ކުރަމުންނެވެ.
ގާސިމާއި ނާޒިމް ގެދޮރު އަޅާފައި ހުރީ ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހޯދި ފައިސާއަކުންނޫނެވެ. ކޮންމެވެސް ދުވަހަކުން ދިވެހިން ގަޑުވަޜު ކިތަންމެ އުސް ކުރިޔަސް ހޯދާނެއެވެ.