މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ތިން މީހަކަށް ދައުވާ އުފުލައިފި އެވެ.

އެ ދެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫން ވިއު، އިސްމާއީލް އަބްދުއްރަހީމް (އިސޫ)،30، އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު)،39، އާއި މާލޭ ދަފްތަރު، އަހްމަދު މުއާޒް،40، (ގަޓު މުއާ)ގެ މައްޗަށެވެ.

އިސޫއަށް ދެ ދައުވާ އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އޭނާއަށް ފާރަލައި ރަހީނުކޮށް އަދި މަރާލުމުގައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ.

އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާއަކީ ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ އަށް ފާރަލައި މަރާލުމަށްޓަކައި 2017 ވަނަ އަހަރު ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.

އަހްމަދު އިސްމާއީލްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މީގެއިތުރުން ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެކަން ކުރުމަށް އެހީތެރިވެދީފައިވާތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ގަޓު މުއާގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަދުވަހު އެވެ.

ރިލްވާން ރަހީނު ކުރި މައްސަލާގައި މީގެކުރިން ތިން މީހަކަށް ދައުވާ ކޮށްފައިވެ އެވެ. އޭގެތެރެއިން ދެ މީހަކަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. ތިން ވަނަ މީހާ ސީރިއާ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް މަރު ކޮމިޝަނުން ބުނެ އެވެ.

ޔާމީން ރަޝީދު މަރާލިކަން ދެ މީހެއްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.