އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް، ޖަންނަތު ޒުބައިރުއަށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މިހާރު ކަލާޒް ޓީވީއިން ދައްކަމުން އަންނަ "ހަތުރީން ކޭ ކިލާޅީ 12" ޝޯއިން ފެނިގެންދާ ޖަންނަތު ޒުބައިރަށް ކަރަންގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަން އިއުލާނު ކޮށްފައިވަނީ އޭނާ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ޖަންނަތު އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ބަނީ "ދަރްމާ 2.0" ޖަހާފައިވާ ތައްޓެއްގެ ފޮޓޯ ލާފަ އެވެ.

ޖަންނަތު އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ފޮޓޯ

އަދި އޭނާ ބޮލީވުޑަށް ނުކުންނަ ފިލްމުގެ ތަފްސީލެއް އަދި ނޭނގެ އެވެ. ޖަންނަތު އަކީ ސޯޝަލް މީޑިއާގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

"ދަރުމާ 2.0" އަކީ ޑައިރެކްޓަރު / ޕްރޮޑިއުސަރު ކަރަން ޖޯހަރު ޑިޖިޓަލް ކޮންޓެންޓަށް ހާއްސަކޮށްގެން އުފެއްދި ސްޓޫޑިއޯ ކިޔާނަމެކެވެ. މި ސްޓޫޑިއޯ ހާއްސަ ވާނީ ޑިޖިޓަލް ފްލެޓްފޯމްތަކުން ސްޓްރީމް ކުރާ އެކި ކަހަލަ އުފެއްދުންތައް ތައްޔާރުކުރާ ތަނަކަށެވެ. އެގޮތުން ވަރަށް ތަފާތު އަދި ވަރުގަދަ ކޮންޓެންޓް ހިމެނޭ ވެބް ސީރީޒްތަކާއި އެ ނޫން ވެސް އެކި ކަހަލަ އުފެއްދުންތައް ގެނެސް ދޭނެ އެވެ.

https://www.instagram.com/p/Cf0zkaqMs8z/?hl=en

ޖަންނަތުގެ އިތުރުން ކަރަން ވަނީ ބައެއް ޓީވީ ތަރިންނަށްވެސް ބޮލީވުޑަށް ނިކުތުމުގެ ފުރުސަތު ދީފަ އެވެ. އެގޮތުން އަރްޖުން ބިޖްލާނީ އާއި ޝްރަދާ އާރިޔާއަށްވެސް ކަރަންގެ ފިލްމަކުން ވަނީ ފުރުސަތު ލިބިގެން ގޮސްފަ އެވެ.

ކަރަން މިހާރު އަންނަނީ އާލިއާ އާއި ރަންވީރު ލީޑް އެކްޓަރުންގެ ގޮތުގައި ފެނިގެންދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މަސައްކަތް ކުރަމުންނެވެ. މިއީ ކަރަންގެ އަށް ވަނަ ޑައިރެކްޝަނެވެ. މި ފިލްމުގައި ގިނަ ތަރިންތަކެއް ފެނިގެންދާއިރު ތަޖުރިބާ ކާރުން ތަރިންނާއި އަލަށް ބޮލީވުޑަށް ނިކުންނަ ތަރިން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.