މާލޭގެ ހެންވޭރު ސަހަރާގެ ހުޅަނގު ފަރާތުގައި ހުރި ގަހެއް ވެއްޓުމުން އެ ސަރަހައްދުގައި ހުރި ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކްކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ.

ގަސް ބުޑުން ލުހިގެން މަގުމައްޗަށް ވެއްޓުމުގެ ސަބަބުން، ހިނގި އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ރޭ މެންދަމު 01:58 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ލިބުނު ކަމަށެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމެއް އެ ސަރަހައްދަށް ގޮސް ރޭ މެންދަމު 02:12 ހާއިރުން ފެށިގެން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ސިފައިންގެ ޓީމުން ކުރި މަސައްކަތުން ގަހުގެ ބައިތައް ކީހައި، އެ ސަރަހައްދުގައި ގަސް ނަގައި ސާފުކުރެވިފައި ވަނީ މިއަދު ހެނދުނު 07:53 ހާއިރު އެވެ.