ޣައްޒާ (06 އޮގަސްޓް) - ޒައަނިސްޓް އިޒްރޭލު ދައުލަތުން އަނެއްކާވެސް ފަލަސްތީނުގެ ޣައްޒާއަށް ރޮކެޓް އަދި މިސައިލުން ހަމަލާތައް ދޭން ފަށައިފި އެވެ.

އެގޮތުން އިއްޔެ ހެނދުނުން ފެށިގެން ދެމުން އައި ހަމަލާތަކުގައި މިހާތަނަށް 10 މީހަކު ޝަހީދު ވެފައިވާއިރު އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާތަކުގައި ޣައްޒާގެ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ތައިސީރު އަލް ޖަބަރީ ޝަހީދުކޮށްލުމާއެކު އެ ޖަމާއަތުން ވެސް ވަނީ ރައްދުގައި އިޒުރޭލަށް އަމާޒުކޮށް 100 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލާފަ އެވެ.

މިއާއެކު އަނެއްކާ ވެސް ޣައްޒާގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އިޒްރޭލުން އަންނަނީ ޣައްޒާ ވަށައިގެންވާ މަގުތައް ބަންދުކޮށް އެގައުމުގެ ސިފައިން އެ ސަރަހައްދުތަކަށް ފޮނުވަމުންނެވެ.

އިޒްރޭލުން މި ހަމަލާތައް ދޭން ފަށާފައި މިވަނީ ހުޅަނގު އައްސޭރިން ޣައްޒާގެ އިސް މުޖާހިދަކު ހައްޔަރު ކުރުމާއެކު ދެގައުމުގެ މަޝްރަހު ނުތަނަސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން އިޒުރޭލުގެ އަސްކަރިއްޔާއިން ބުނީ ޚާއްސަ ހާލަތެއްގެ ދަށުން ޣައްޒާއާ އަމާޒުކޮށް ހަމަލާ ތަކެއް ފޮނުވާފައި ވާނެ ކަމަށެވެ.

މި ހަމަލާ ތަކާއެކު ދެ މިލިއަނެއްހާ މުސްލިމުންގެ އާބާދީއެއް އޮންނަ ޣައްޒާއަށް ވަނީ އަނެއްކާ ވެސް ބިރުވެރިކަން ވެރިވެފަ އެވެ.-- އަލް އަރަބިއްޔާ